16 Mar 2021, 16:35
ކޮލަމްބޯ (މާޗް 16): ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރުމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމަން ވަގުތު ބޭނުންވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ލަންކާގެ ސަރުކާރުން އެފަދައިން ބުނީ، އެގައުމުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސެކަރަ ކެބިނެޓުގައި އެދިލެއްވި ފަހުންނެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވި ގޮތުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަކީ ސީރިއަސް ނިންމުމެއް ކަމަށެވެ. އަދި އެކަމަށް މީހުންގެ ލަފަޔާއި އެއްބަސްވުން ބޭނުން ވާނެ ކަމަށެވެ.
"އެކަން ނިންމާނީ ލަފަޔާ އެއްކޮށް. ވީމާ ވަގުތު ބޭނުންވޭ،" ރަމްބުކްވެއްލާ ވިދާޅުވި އެވެ.
ލަންކާގެ ސަރުކާރުން ހޯދާނެ ލަފަޔާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ތަރުޖަމާނު ނުދެއްވަ އެވެ.
ވީރަސެކަރަ ވިދާޅުވި ގޮތުގައި ލަންކާގައި މޫނު ބުރުގާ މަނާ ކުރަން ޖެހެނީ އެއީ "ހައްދުފަހަނައަޅާފައިވާ ފިކުރުގެ ރަމްޒަކަށް ވުމުންނާއި އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި" ކަމަކަށް ވާތީ އެވެ. އަދި އޭނާ ވަނީ ރެޖިސްޓާ ނުކޮށް ހިންގަމުން އަންނަ 1،000 އިސްލާމިކް ސްކޫލެއް ބަންދުކުރަންވެސް ހުށަހަޅާފަ އެވެ.
ލަންކާގައި 2019 ވަނަ އަހަރު ފައްޅިތަކާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކަށް ފަހުވެސް އެގައުމުން ދުވަސްކޮޅަކަށް މޫނު ބުރުގާ އެޅުން މަނާ ކުރި އެވެ.
ލަންކާގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި 250އަށް ވުރެ ގިނަ މީހުން މަރުވި އެ ހަމަލާތައް ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި އެގައުމުގެ ދެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތާއި ޖަމާއަތީ މިއްލަތު އިބްރާހިމް ގުޅިގެން ބޭރުގެ އެހީއާ އެކުގައެވެ.