ބެއިޖިން (މާޗް 16): ޗައިނާގެ އީީ-ކޮމާސް ކުންފުނި، އަލީބާބާއަށް ނިސްބަތްވާ މީޑިއާ އެސެޓުތައް ވިއްކާލުމަށް އެގައުމުގެ ސަރުކާރުން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ކަމާ ގުޅުން ހުރި އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފި އެވެ.

ވޯލް ސްޓްްރީޓް ޖާނަލްގައިވާ ގޮތުން އަލީބާބާގެ މަސްލަހަތު މީޑިއާގައި އޮތް މިންވަރާ ބެހޭ ގޮތުން ޗައިނާގެ ރެގިއުލޭޓަރުން ދަނީ މިއަހަރުން ފެށިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ސަރުކާރުގެ އޮފިޝަލުން ވަނީ އެ ކުންފުނީގެ މީޑިއާ އެސެޓުތައް މަދު ކުރާނެ ޕްލޭނެއް އެކުލަވާލުމަށް އަންގާފަ އެވެ. ނަމަވެސް އަލީބާބާއިން ދޫކޮށްލަން ޖެހެނީ ކޮން ހިއްސާތަކެއް ކަމެއް ސަރުކާރުން ނުބުނާ ކަމަށް ޖާނަލްގައިވެ އެވެ.

އަލީބާބާއިން ވަނީ ޗައިނާގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ވީބޯގެ ހިއްސާ އާއި ހޮންކޮންގްގެ އިނގިރޭސި ނޫހެއް ކަމަށްވާ ސައުތު ޗައިނާ މޯނިން ޕޯސްޓު ގަނެފަ އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ޗައިނާއިން ވަނީ، އަލީބާބާގައި މުދާ ވިއްކާ ވިޔަފާރިތަކުން ވާދަވެރި ވެބްސައިޓުތަކުގައިވެސް މުދާ ވިއްކަން އެ ކުންފުނިން ހުރަސް އަޅާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭގެ ސަބަބުން އެންޓި-މޮނޮޕޮލީ ގާނޫނުގެ ދަށުން އެ ކުންފުނި 975 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން އެކަށީގެންވެ އެވެ.

އަލީބާބާގެ ކުރީގެ ޗެއާމަން އަދި މިހާރުވެސް އެ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ޖެކް މާއާ ގުޅުން ހުރި ވިޔަފާރިތަކާ ބެހޭ ތަހުގީގުތަކެއް ޗައިނާއިން ވަނީ މިދިޔަ އަހަރު ފަށާފަ އެވެ. އަދި މާގެ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އޭންޓް ގްރޫޕްގެ ހިއްސާ ޝަންހާއީ އާއި ހޮންކޮންގްގައި ވިއްކަން އެ ކުންފުނިން މިދިޔަ ނޮވެމްބަރު މަހު ތައްޔާރުވި ނަމަވެސް ޗައިނާގެ ރެގިއުލޭޓަރުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. އަދި އެގައުމުން ވަނީ އޭންޓްގެ ބޭންކިން ހިދުމަތުގެ ގަވާއިދުތައް ހަރުކަށި ކުރުމަށް ގޮވާލާފަ އެވެ.