ޝަރުއީ ނިޒާމައި ސަރުކާރާ ދެމެދު ހިނގަމުންދާ ކޯޅުމާއި އޭގެ ސަބަބުން ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ ގޮތުން އދ.ގެ މަތީ ފެންވަރުގެ ވަފުދެއް ރާއްޖެ އަށް ފޮނުވުމަށް އެ ޖަމާއަތުން ނިންމި ނިންމުމަށް ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަރުއީ ނިޒާމު އިސްލާހުކުރުމަށް އެހީތެރިވުމަށް ސަރުކާރުން އެދުމުން ، ކޮމަންވެލްތާއި އދ.ން މަތީފެންވަރުގެ އޮފިޝަލުން ރާއްޖެ އަށް ފޮނުވަން ނިންމި ނިންމުމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމު މަރުހަބާ ވިދާޅުވާ ކަމަށެވެ.

"ޝަރުއީ ނިޒާމުގެ އޮނިގަނޑުގެ ފުނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން އެހީތެރިކަމަށް އެދުމުން ކޮމަންވެލްތާއި އދ. އިން ރަނގަޅު ގޮތުގައި އިޖާބަދިނީތީ ސަރުކާރު އުފާކުރޭ،" މިނިސްޓަރު ނަސީމު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

މިނިސްޓަރު އަދި ވިދާޅުވެފައި ވަނީ ޝަރުއީ މައްސަލަގަނޑު ސުލްހަވެރިކަމާ އެކު ހައްލުކުރުމަށާއި ބާރުތައް ވަކިވެފައި އޮންނަ އުސޫލަށާއި ޑިމޮކްރަސީގެ އުސޫލުތަކަށް އިހުތިރާމްކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެރްނާންޑޭސް ޓެރެންކޯ އިސްކޮށް ހުންނަވާ އދ.ގެ ވަފުދެއް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ އެވެ. އަދި ކޮމަންވެލްތުގެ ވަފުދު ވެސް މިހަފުތާގައި އައުމަށް ހަމަޖެހިފައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އަދި ވަނީ ޝަރުއީ ނިޒާމު އިސްލާހުކުރުމާއި ޑިމޮކްރަސީ އަށް ބަދަލުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން އދ.ގެ ވަފުދުން މަޝްވަރާކުރާނެ ކަމަށެވެ. އަދި ކޮމަންވެލްތުން މަޝްވަރާކުރާނީ ސަރުކާރަށް މިހާރު ކުރިމަތިވެފައިވާ ޝަރުއީ ނިޒާމު މިނިވަން ކުރުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލައި ހައްލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

"ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް، ބައިނަލް އަގުވާމީ މިންގަނޑުތަކާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ބެންޗްގައި ތިއްބަވާ ފަނޑިޔާރުންގެ ތައުލީމީ ފެންވަރު މަތިކުރުން ފަދަ ކަންތައްތައް ހިމެނޭ ގޮތުން މަޝްވަރާކުރާނެ ވަކި އެޖެންޑާއެއް ދެވަފުދުގައި ވެސް އޮންނާނެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ކޮމަން ވެލްތުގެ ވަފުދެއް ރާއްޖެ އަންނަން ނިންމީ ސަރުކާރުން އެދިގެން ކަމަށް ފޮރިން މިނިސްޓަރު ނަސީމު ވިދާޅުވި ނަމަވެސް ކޮމަންވެލްތު ސެކްރެޓޭރިއަޓުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެޖަމާއަތުގެ ވަފުދެއް ރާއްޖެ އަށް ފޮނުވަން ނިންމީ ސަރުކާރާއި އެކަމާ ކަންބޮޑުވާ ފަރާތްތަކާ އެކު ފާއިތުވި ހަފުތާތަކުގައި ރަނގަޅު ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށް ވެސް އެޖަމާއަތުން ބުނެފައިވެ އެވެ.

އަދި ކޮމަންވެލުގެ ބަޔާނުގައި ބުނެފައި ވަނީ އެ ޖަމާއަތުން ލެޓިމާ ހައުސް ޕްރިންސިޕަލްގެ އުސޫލުތަކާ އެއްގޮތަށް ތިން ބާރުވަކިކުރެވިފައިވާ ނިޒާމަކަށް ތާއީދު ކުރާ ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން އުފެދުނީ ސަރުކާރުން ކްރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެންނެވެ.