ލަންޑަން (މާޗް 16): އިނގިރޭސިވިލާތުން ސީރިއާގެ ފޮރިން މިނިސްޓަރު ފައިސަލް މަގުދާދު އާއި ރައީސް ބައްޝާރުލް އަސަދާ ގާތް އިތުރު ފަސް އޮފިޝަލެއްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

ސީރިއާގެ ސަރުކާރުގެ "އޮފިޝަލުން ހިންގާ ޖަރީމާތަކަށް އެމީހުން ޒިންމާދާރު ކުރުވަން ޖެހޭ" ކަމަށް ބުނެ އިނގިރޭސިވިލާތުން ފިޔަވަޅު އަޅާފައި ވަނީ މަގުދާދުގެ އިތުރުން ރައީސް އަސަދުގެ މުޝީރު ލޫނާ އަލް ޝިބުލް އާއި ވިޔަފާރިވެރިން ޔައްސާރު އިބްރާހިމް އާއި މުހައްމަދު ބަރައަލް ގަތިރުޖީ އާއި ރައީސްގެ ހާއްސަ ފައުޖުގެ ކޮމާންޑަރެއް ކަމަށްވާ މާލިކް އަލިއާ އާއި އަސްކަރިއްޔާގެ މޭޖާ ޒައިދު ސަލާހުއަށެވެ.

މަގުދާދު ސީރިއާގެ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނަމަވެސް އޭނާ ގެންދެވީ 2006އިން ފެށިގެން ޑެޕިއުޓީ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުންނެވެ.

"ސުލްހަވެރިކަމާއެކު އިސްލާހަށް ގޮވާލި ސީރިއާގެ ރައްޔިތުންނަށް އަސަދުގެ ސަރުކާރުން އަނިޔާ ކުރާތާ 10 އަހަރުވެއްޖެ. އެ ސަރުކާރުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް ކުރާ އަނިޔާއަށް އެ ސަރުކާރުގެ އިތުރު ހަ މީހަކު ޒިންމާދާރު ކުރުވަން އަޅުގަނޑުމެން ފަށައިފިން" އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވި އެވެ.

އެއީ އިނގިރޭސިވިލާތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔޫރަޕިއަން ޔޫނިއަންއިން ވަކިވި ފަހުން އެގައުމުން ސީރިއާގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. އެ އިއްތިހާދުން ވަނީ މިހާތަނަށް އަސަދުގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ 353 ފިޔަވަޅު އަޅާފަ އެވެ.

އިނގިރޭސިވިލާތުން އެ ފިޔަވަޅުތައް އެޅީ، ސީރިއާގައި 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ސުލްހަވެރި މުޒާހަރާތައް ފެށި ދުވަހަށް އިއްޔެ 10 އަހަރު ފުރުނު ފަހުންނެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް ބައްޝާރުލް އަސަދުގެ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާ، އެ ހަމަނުޖެހުންތައް ހަނގުރާމައަކަށް ބަދަލުވެގެން ދިޔަ އެވެ.

ސީރިއާގެ ހަނގުރާމައިގައި މިހާތަނަށް ބައި މިލިއަން މީހުން މަރުވެ، ހަނގުރާމައިގެ ކުރިން އެގައުމުގައި އޮތް އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. އަދި ގައުމުގެ އިގުތިސާދު ސުންނާފަތިވެ، 80 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން ދަނީ ފަގީރުކަންމަތީގަ އެވެ.