16 Mar 2021, 09:58
އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާ އެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނެ އާންމުކުރި ލިޔުމުގެ ފަހަތުގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ ކުއްލި މައްސަލަ ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.
މެމްބަރު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައި ވަނީ ކޯސްޓްގާޑުގެ އުޅަނދު ފަހަރު މަރާމާތުކޮށް ބެލެހެއްޓުމަށް ޓަކައި ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ކ. އުތުރުތިލަފަޅުގައި ޑޮކްޔާޑެއް ގާއިމުކުރުމަށް ޓަކައި އިންޑިއާގެ އެހީތެރިކަން ހޯދުމަށް ސޮއިކުރީ ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ދިވެހި ގައުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، ޓެރަރިޒަމާއި، އިންސާނީ ވަގުފާރި ފަދަ ކަންކަން ހުއްޓުމަށް އެކަށީގެންވާ ވަސީލަތް މިއަދާ ހަމައަށް ވެސް ދިވެހި ސިފައިންގެ ކޯސްޓްގާޑުގައި ގާއިމުކޮށްދީފައި ނުވާތީ ކަމަށެވެ.
ނަމަވެސް ސިޔާސީ މަގުސަދެއްގައި، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދިވެހި އަސްކަރިއްޔާގެ ވެރިންގެ ބޮލުގައި ރިޝްވަތުގެ ދޮގު ބަދުނާމު އަޅުވައި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ބޭރުގެ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކަނޑައެޅިގެން ހުރަސް އަަޅައި ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަމައެއާ އެކު އިންޑިއާ ކަނޑުގެ ހަމަޖެހުން ނަގާލައި ރާއްޖޭގެ އެކުވެރި އަދި އަވައްޓެރި ގައުމުތަކާ އެކު އުފެދިފައިވާ ގުޅުންތަކަށް ބުރޫ އަރުވައި، ދިވެހި ސިފައިންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލައި، ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ރާއްޖެއާ އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ، އެއްވެސް ޒިންމާދާރުކަމެއް ނެތް ގޮތަށް ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ފަތުރަމުން ދާތީ އެ މައްސަލަ ބަލައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
އެ މައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފަ އެވެ.