ބާލިން (މާޗް 16) : ކޮވިޑް19 އާ ދެކޮޅަށް ބޭނުން ކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި ސްވިޑްންގެ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން ޔޫރަޕްގެ އިތުރު ހަތަރު ގައުމަކުން ހުއްޓާލުމުން ވެކްސިން އާމެދު ދިރާސާއެއް ހަދަންޖެހޭތޯ ނުވަތަ ނޫންތޯ ބަލަން ނިންމާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ އިން ބުނެފި އެވެ.

ޑެންމާކް، ނޯވޭ، އޮސްޓްރިއާ، ހޮލެންޑް، އައިސްލޭންޑް އަދި ބަލްގޭރިއާއިން އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވަނިކޮށް ޖަރުމަނުވިލާތް، އިޓަލީ، ފަރަންސޭސިވިލާތް އަދި ސްޕޭނުން ވެސް އިއްޔެ ވަނީ އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުމުން ބައެއްމީހުންނަށް ސިއްޙީ ބައެއް މައްސަލަތައް ކުރިމަތިވަމުންދާތީ އެ ވެކްސިން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.

މިހުރިހާ ގައުމުތަކެއް ވެސް ބުނާ ގޮތުން އެސްޓްރާޒެނެކާ ވެކްސިން ދިން ބައެއް މީހުންނަށް ލޭ ގަނޑުވުމާއި ނޭވާލާ ނިޒާމަށާއި ފުއްޕާމެއަށް މައްސަލަތައް ކުރިމަތިވުން ފަދަ ސިއްހީ ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެސްޓްރާޒެނެކާ ވެކްސިން ޖެހިމީހަކު އޮސްޓްރިއާގައި މަރުވެފައި ވަނީ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ދިމާވެ ފުއްޕާމެއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެންނެވެ. ޑެންމާކުން އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުން ހުއްޓާލީ އެގައުމުގައި ވެކްސިން ޖެހި 60 އަހަރުގެ މީހަކު މަރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ވެސް ޑެންމާކުގައި އެސްޓްރާޒެނެކާ ވެކްސިންޖެހި ބައެއް މީހުންނަށް ލޭގަނޑުވުމުގެ މައްސަލަ ކުރިމަތިވިކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޖަރުމަނުވިލާތުން ބުނަނީ އެސްޓްރާޒެނެކާ ވެކްސިންއާ ބެހޭ ގޮތުން ފުރިހަމަ ދިރާސާއެއް ކުރަންޖެހޭ ކަމަށް

އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން ވަގުތީ ގޮތުން އިއްޔެ ހުއްޓާލި ހަތަރު ގައުމުކަމަށްވާ ޖަރުމަނުވިލާތް، އިޓަލީ، ފަރަންސޭސިވިލާތް އަދި ސްޕޭނުން ވެސް ބުނެފައި ވަނީ އެ ވެކްސިން ބޭނުންކުރުމުން ސިއްހީ މައްސަލަތައް ކުރިމަތިވާކަމުގެ އެތަށް ޝަކުވާއެއް ލިބެމުންދާ ކަމުގަ އެވެ. ޖަރުމަނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެސްޓްރާޒެނެކާ ވެކްސިންގެ ކޮލިޓީއާ އަދި އޭގެ ފެންވަރާ ބެހޭ ގޮތުން ފުރިހަމަ ދިރާސާއެއް ކުރަންޖެހޭ ކަމުގަ އެވެ.

ޖަރުމަނުވިލާތުގެ ސިއްހަތާބެހޭ ވަޒީރު ޔެންސް ސްފާން

ސްޕޭނުން ވަނީ އެގައުމުގައި އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން ހުއްޓާލީ 15 ދުވަހަށް ކަމުގަ އެވެ. ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވިދާޅުވީ އޭނާގެ ގައުމުން އެސްޓްރާޒެނެކާ ވެކްސިން ދިނުން ހުއްޓާލީ ދެދުވަހަކަށް ކަމަށާއި އެއީ އެވެކްސިން އާ ބެހޭ ގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ސިއްހަތާބެހޭ މާހިރުންގެ ބަހެއް ލިބެންދެން ކަމުގަ އެވެ.

އެސްޓްރާޒެނެކާ ވެކްސިން އާމެދު ދިރާސާއެއް ހަދަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޑަބްލިޔޫ އެޗްއޯ އިން މަޝްވަރާ ކުރަނީ

އެސްޓްރާޒެނެކާ ވެކްސިންގެ މައްސަލަތައް ޔޫރަޕްގެ ގައުމުތަކުން ފާހަގަކޮށް ނުވަ ގައުމަކުން މި ވެކްސިން ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ރީސާޗަރަކު ވަނީ އެސްޓްރާޒެނެކާ ވެކްސިން ހުއްޓާލަން ޖެހޭ ސަބަބެއް ނެތްކަމާއި އެއީ ރައްކާތެރި ވެކްސިނެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޖަރުމަނުވިލާތް، އިޓަލީ، ފަރަންސޭސިވިލާތް އަދި ސްޕޭނުން ވެސް އިއްޔެ އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލުމުން ޑަބްލިއުއެޗްއޯގެ ވެރިޔާ އަދި ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގަބްރިޔޭސުސް އިއްޔެ ވިދާޅުވެފައި ވަނީ އެސްޓްރާޒެނެކާ ވެކްސިން އާމެދު ދިރާސާއެއް ހަދަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޓަކައި އެ ޖަމްއިއްޔާގެ ރީސާޗަރުންގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ބައްވާނެ ކަމުގަ އެވެ.

އެސްޓްރާޒެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވާސިޓީން ބުނަނީ އެސްޓްރާޒެނެކާ ވެކްސިންއަކީ ރައްކާތެރި ވެކްސިން އެއްކަން ކަށަވަރު ކަމަށް

އެސްޓްރާޒެނެކާ ކުންފުންޏާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ވަނީ އެ ދެފަރާތް ގުޅިގެން އުފައްދާފައިވާ އެސްޓްރާޒެނެކާ ވެކްސިންއަކީ ރައްކާތެރި ވެކްސިން އެއްކަން ކަށަވަރު ކަމުގައި ބުނެފަ އެވެ. އެގޮތުން އެ ވެކްސިން ޖަހަން ފަށާފައި ވަނީ ފުރިހަމަ ތަހުލީލްތަކަށް ފަހު ސިއްޙީ ހުރިހާ މިންގަނޑުތަކަކަށް ފެތޭކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ބުނެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން ވަނީ އެ ވެކްސިން ދިފާއުކޮށްފަ އެވެ. ނަމަވެސް ވެކްސިން ޖެހިފަހުން މަރުވި މީހުންގެ މަރުގެ ތަހުގީގުތަކުގައާއި ވެކްސިން ޖެހުމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލަތައް ބަލައި ތަހްގީގު ކުރުމުގައި އެއްބާރުލުން ދޭނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަދި ސްވިޑްންގެ އެސްޓްރާޒެނެކާ ކުންފުންނިން ވަނީ ބުނެފަ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)