04 Feb 2012, 15:54
ހުޅުމާލޭ އެން ސިސް ފެކްޓަރީ އޮފީހުގެ މުވައްޒަފެއްގެ އިނގިލިތައް ކަފާލުމަށްފަހު ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެން ސިސް ފެކްޓަރީގެ އޮފީހުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗެހިން ބިރުދައްކައި އެ މުވައްޒަފުގެ އިނގިލިތައް ކަފާލުމަށްފަހު، 359000ރ. ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާ މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ގދ. ތިނަދޫ ވެސްޓް ސައިޑް، ޢިއްފަތު މުޙައްމަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތެފްޓް އެންޑް ރޮބަރީ ޔުނިޓުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، އޭނާ އަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ކުރަމުންނެވެ.