15 Mar 2021, 19:50
ސިވިލް ސާވިސްގެ ވަޒީފާދޭ އުމުރު 60އަށް މަތިކުރަން ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ސިވިލްސާވިސްގެ ވަޒީފާދޭ އެންމެ މަތީ އުމުރަކީ 55 އެވެ.
ސީއެސްސީގެ ގާނޫނުގެ 41 ވަނަ މާއްދާއަށް ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށެވެ. ހަމައެހެންމެ އުމުރުން 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކަށް ވެގެންނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހު ފާސްވެއްޖެނަމަ، 60 އަހަރުން ދަށުގެ މީހުންނަށްވެސް ސީއެސްގެ ވަޒީފާ ދެވޭނެ އެވެ.
ދެން ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޝަން އެކުލިވެގިންވާ ގޮތަށް ބަދަލު ގެނައުމަށް ހިމަނާފައިވެ އެވެ. އެގޮތުން ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނަކީ އަންހެނުންނަށް ހެދުމަށް ވެސް ހިމަނާފައިވެ އެވެ.
އެ އިސްލާހު ފާސްވި ނަމަވެސް، މިހާރު މެންމަބަރުކަމަށް އައްޔަންކޮށްފައިވާ މީހުންގެ މަގާމުން ވަކިނުވާނެ އެވެ. މިހާރު ތިބި މެމްބަރުން މާގާމުން ވަކިވަންދެން އެ މަގާމުގައި ދެމި ތިބޭނެ ކަމަށް އިސްލާހުގައި ބުނެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ކޮމިޝަނަށް އަންހެން މެމްބަރުން ތިބުން ލާޒިމެއް ނޫނެވެ.
އެ އިސްލާހަށް އަމަލު ކުރަން ފަށާނީ، ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކޮށް ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ.
ނޯޓު: "ސިވިލް ސާވިސްއަށް ގާބިލު މީހާއަށް އިސްކަންދޭން ނުޖެހޭ އިސްލާހެއް" މި ސުރުހީގެ ދަށުން މިއަދު "ސަން"ގައި ލިޔުނު ހަބަރުގައި ސިވިލްސާވިސް ވަޒީފާތަކަށް ނެގޭ އެންމެ މަތީ އުމަރަކީ 65 ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ، މިހާރު ގާނޫނު އޮންނަ ގޮތުން އެ ވަޒީފާތަކަށް ނެގެނެ އެންމެ މަތީ އުމަރަކީ 55 އަހަރެވެ. އެހެންކަމުން އެ ޚަބަރު މިހާރު ވަނީ ރިމޫވް ކުރެވިފަ އެވެ.