އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުގެ ބިލަކާއި ފޮރިން ސާވިސްގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ، ފޮރިން ސާވިސްގެ ބިލު ހުށަހަޅަނީ، ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، އެ ސާވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމްކުރުމަށް ކަމަށެވެ.

އަދި އެ ބިލު ހުށަހަޅަނީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސް ކޭޑަރެއް ބިނާކުރުމަށްޓަކައި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، އެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާވާ ބާވަތްތައް އިސްލާހުކުރުން ހިމެނޭ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަނާއި، އިންޓާ ކަނެކްޝަން ޗާޖަސް އަދި ރީއިންޝުއަރަންސް ޕްރީމިއަމްއިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުން ހިމެނޭ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ދައްކަންޖެހޭ ވިތުހޯލްޑިން ޓެކްސް ދެއްކުމުގެ އުސޫލު އިސްލާހުކުރުމަށާއި، އެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ފަހުން، ގާނޫނު ތަންފީޒުކުރުމުގައި ކުރިމަތިވަމުން އައިސްފައިވާ ދަތިތައްވެސް އެ އިސްލާހުން ހައްލުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުންވެސް، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެ ބިލުގައި ހިމެނިގެންވާ ކަމަށް ބުނެފައިވެ އެވެ.