15 Mar 2021, 19:34
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާންވީ ގައުމީ ވިސްނުމުގެ ކެންޑިޑޭޓުންނަށް ކަމަށާއި، ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ ހުރިހާ ކެންޑިޑޭޓުންނަކީ އެ ވިސްނުމުގެ މީހުން ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން ކަައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާއަށް ވާދަ ކުރައްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އިންތިހާބުގެ ދުވަހު ކޮންމެ ރައްޔިތަކަށް ލިބެނީ ހަމައެކަނި ކަރުދާސްކޮޅެއް ނޫން ކަމަަށެވެ. އެއީ ގައުމިއްޔަތާ މިނިވަންކަން ސަލާމަތް ކުރަން ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ހަމައެކަނި ކަރުދާސްކޮޅެއް ނޫން. އޭގައި ޖަހަން ލިބެނީ ފާހަގައަކަށް ވެދާނެ. ނަމަވެސް، އެ ދުވަހު އެ ޖެހޭ ފާހަގައަކީ އަޅުގަނޑުމެން ނިންމަނީ އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އިސްލާމް ދީން ސަލާމަތްކޮށް އަޅުގަނޑުމެންގެ އަތްމަތީގައި ބާއްވާނީތޯ ނޫންތޯ ނިންމާ ނިންމުމަކަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ މުސްތަގުބަލު އަޅުގަނޑުމެންގެ އަތުން ދޫކޮށްލާނީތޯ ނޫނީ ބިނާކުރާނީތޯ ނިންމާ ނިންމުމެއް،"
ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުން މިފަހަރު ވޯޓު ދޭންވީ ގައުމީ ވިސްނުމުގެ މީހުންނަށް ކަމަށެވެ. އަދި ރައްޔިތުން ތިބެންވީވެސް ގައުމީ ވިސްނުމުގައި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް-ޕީއެންސީއަށް ނިސްބަތްވާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމީ ވިސްނުމުގެ މީހުން ކަމަށެވެ.
"ގައުމިއްޔަތުގެ ވިސްނުމުގައި ތިބި ބަޔަކަށް ރައްޔިތުންގެ ވޯޓު މިފަހަރު ނުދީފި ނަމަ ދެން އަޅުގަނޑު ހިތުން ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލަކަށްވާންވާނީ މި ގައުމު ފެންނާނެބާއޭ. ގައުމިއްޔަތު މި ގައުމުގައި އޮންނާނެބާއޭ؟،"
ހުޅުމާލެއަކީ މާލޭ ރައްޔިތުންގެ ގެދޮރުވެރިކަމާ ގުޅިފައިވާ ތަނެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ރައީސް ޔާމީން ހުޅުމާލެ ތަރައްގީ ކުރެއްވީ އެގޮތަށް ދުރަށް ވިސްނަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މިހާރު ހުޅުމާލެއާ ގުޅިފައި ހުރި އުންމީދުތައް ވެއްޔާ މޮޑެވިގެންދާތަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ގައުމުގައި ދިރުމެއް ނެތް ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހާސިލު ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް، ކައުންސިލް އިންތިހާބުން އެ ފުރުސަތު ހޯދުމުގެ މަގުފަހިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ މޭޔަރުންނާއި ކައުންސިލަރުން އިންތިހާބުކޮށްގެންނެވެ.
"މާލޭ ސިޓީގެ ގެދޮވެރިކަމުގެ މައްސަލައަށް ބެލިކަމުގައި ވިޔަސް، ހުޅުމާލޭގައި ހުރި މައްސަލަތަކަށް ބެލިނަމަވެސް، މިކަންކަމަށް އެދެވޭ ހައްލެއް ގެނެވޭނީ ތިޔަ ރައްޔިތުންގެ ފަރާތުން ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމައަށް ވަކާލާތު ކުރާނެ ތިޔަ ރައްޔިތުންނާ އެކީގައި ތިބޭނެ އިހުލާސްތެރި ގައުމީ ފިކުރުގެ ބަޔަކު ހޮވައިގެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތާކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.