މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއެމްސީއިން އިނާމަށް ކުރިމަތިލާން އެންމެ ފުރަތަމަަ ހުޅުވާލާފައި ވަނީ މާޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.

ނަމަވެސް މިއަދު އެމްއެމްސީއިން ވަނީ އެ މުއްދަތު މާޗް 18 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް އެ މުއްދަތު އިތުރުކޮށްފަ އެވެ.

މި އަހަރު އިނާމު ދިނުމަށް ނިންމާފައި ވަނީ 12 ދާއިރާއަކުންނެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

  1. ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

  2. ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
  3. ސިޔާސީ
  4. ޝަރުއީ އަދި ގާނޫނީ
  5. ވިޔަފާރިއާއި އިގްތިސޯދު
  6. ކުޅިވަރު
  7. ފޮޓޯ ޖާރނަލިޒަމް
  8. ވީޑިއޯ ޖާރނަލިޒަމް
  9. އޯޑިއޯ ޖާރނަލިޒަމް
  10. ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  11. ފީޗާ / ރިޕޯޓް
  12. އެންމެ އުންމީދީ ނޫސްވެރިޔާ

މިއަހަރު ކޮންމެ ނޫސްވެރިއަކަށް ވެސް އެ މީހަކު ކުރިމަތިލާން ބޭނުން ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ. މީގެ ކުރިން ނަމަ، ފީޗާ ދާއިރާ ފިޔަވާ ދެން ކުރިމަތިލެވޭނީ އެންމެ ދާއިރާއަކަށެވެ. މީގެ އިތުރުން މިފަހަރު ހުށަހަޅަން ޖެހެނީ އެންމެ ކޮޕީއެކެވެ.

އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވެސް ވަނީ އާންމުކޮށްފަ އެވެ.

ނިއުސް ގްރެފިކްސް އާއި އިލަސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ މި އަހަރު މުޅިން އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާ އެވެ.