ދިވެހި ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަނު ކުރާ މެންބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރު އައްޔަންކުރަންޖެހެ އެވެ. މިއަދު ވަނީ އާންމުންގެ ތެރެއިން އެއް މެމްބަރަކު އެ ބޯޑަށް އައްޔަންކޮށްފަ އެވެ. ބޯޑަށް އައްޔަންކުރީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ފަސް މީހަކު ކުރިމަތިލި އެވެ. އެހެން ނަމަވެސް ހާމިދު ފިޔަވައި ދެން ތިބި މީހުންނަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީ މަރުހަލާފައި ފާސްނުވި އެވެ.

އެހެންކަމުން މިއަދު ވަނީ އަލުން ޕޮލިސް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މައުލޫމާތު އަދި އެފަރާތުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ކުށުގެ ރެކޯޑު ފޯމާ އެކު 28 މާޗު ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.