ވޮޝިންޓަން (މާޗް 15) : އެމެރިކާގައި ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން ގިނަކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށާއި އެމީހުންނަށް ވިސްނައިދޭން ޖެހޭ ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް ގެ ޑައިރެކްޓަރު ޑރ. އެންޓަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ފޮކްސް ނިއުޒް އަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވެނީ އަދި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ގައުމުގެ ގޮތުގައި އެމެރިކާ ވެގެންދިޔައީ އެމެރިކާގެ ގިނަ ބަޔަކު އެބަލީގެ ނުރައްކާތެރިކަން ގަބޫލުކުރުމަށާއި މާސްކްއެޅުމާއި ގައިދުރުކަން ބެހެއްޓުމާ އަދި އެއްވެއުޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ދެކޮޅު ހެދުމުގެ ސަބަބުން ކަމުގައެވެ.

އަނެއްކޮޅުން ވެކްސިން ދިނުމަށް ބަލާއިރު ވެސް އެމެރިކާގައި ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން ގިނަވުމަކީ ފުރިހަމައަށް ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރިމަތިވެފައިވާ ހުރަހެއްކަން ފައުޗީ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން ގިނަކަމުން އެމެރިކާގައި ކޮވިޑް ކޮންޓްރޯލްކޮށް އެވަބާގެ ހާލަތު ބަދަލުކުރުމަށް އަދި ވެސް މުއްދަތެއް ނަގާނެކަމުގަ އެވެ.

އެމެރިކާގައި ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ މީހުންގެ ތެރޭގައި ގިނައީ އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންނެވެ. ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށްވާ ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރޭގައި އޭނާގެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންނާ އަދި އެޕާޓީއަށް ތާއީދުކުރާ ގިނަ ބައެއްގެ އިތުރުން އެމެރިކާގެ ނަސާރާ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންނާއި ނަސާރާ ދީނުގެ ބޯދާ ފިކުރަށް އީމާންވާ މީހުން ހިމެނެ އެވެ.

މީގެ އިތުރުން ދޮންމީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ މާ މޮޅު އަދި މާ މަތީފަންތިއެއްގެ ބައެއްކަމަށް ދެކޭ ނަސްލީ އިމްތިޔާޒުގެ ފިކުރުގެ މީހުންނަކީ ވެސް ޓްރަމްޕްގެ ސަޕޯޓަރުންނެވެ. މީގެ ތެރޭގައި ހަތިޔާރު ގެންގުޅޭ ހަނގުރާމަވެރި ދޮންމީހުންގެ ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ.

ޓްރަމްޕް އޭނާގެ ސަޕޯޓަރުންނަށް ވިސްނައިދެއްވައި ކޮވިޑް ވެކްސިން ޖަހަން އެމީހުންނަށް ބާރުއަޅުއްވުމަކީ އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެންދާނެކަމެއްކަން ފައުޗީ ފާހަގަ ކުރެއްވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރިޕަބްލިކަން ޕާޓީގައި ހިމެނޭ ޓްރަމްޕަށް ތާއީދުކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 49 ޕަސެންޓް މީހުންނަކީ ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދާމީހުންނެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ގޮތުގައިތިބި ޓްރަމްޕްގެ ސަޕޯޓަރުންނާއި އެޕާޓީން ބޭރުގައި ތިބި ޓްރަމްޕްގެ ސަޕޯޓަރުންގެ އަދަދު ގާތްގަނޑަކަށް 35 މިލިޔަނަށް އަރާކަމަށްވެ އެވެ. މީގެތެރެއިން ގާތްގަނޑަކަށް 49 ޕަސެންޓް މީހުންނަކީ ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދާމީހުން ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއަކީ ކޮވިޑް ވެކްސިން ޖަހާ ސްޕީޑް އެންމެ ބާރަށް ކުރިޔަށްގެންދާ ގައުމެވެ. އެމެރިކާގެ ސްޓޭޓްތަކުން ހިންގާ ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެގައުމުގެ އާބާދީގެ 100 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާކަމަށް ޚަބަރުތައް ބުނެ އެވެ. މިއާއެކު އެމެރިކާގައި ކޮވިޑް-19 ޖެހޭމީހުންނާއި އެ ވަބާގައި މަރުވާ މީހުންގެ އަދަދު ވަނީ ކުރިއާ އަޅާބަލާއިރު ކޮންމެވެސް ވަރަކަށް ދަށަށްދާން ފަށައިފަ އެވެ.

އެމެރިކާގައި 30 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު އޭގެތެރެއިން 547 ހާހަށްވުރެ ގިނަމީހުން (ފަސްލައްކަ ސާޅީސް ހަތްހާހަށްވުރެ ގިނަމީހުން) ވަނީ އެބަލީގައި މަރުވެފަ އެވެ. ކޮވިޑްގެ ސަބަބުން އެމެރިކާގެ އިގްތިސާދު އަޑިއަޅާލައި 30 މިލިޔަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލި އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހިފައިވާ އިރު އެމެރިކާގެ ގިނަ ކުންފުނިތަކަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ވަނީ ކޮވިޑްއާ ގުޅިގެން އައި އިގްތިސާދީ ލޮޅުންގަނޑުގައި ބަނގުރޫޓްވެގެން ގޮސްފަ އެވެ.

އެމެރިކާގައި ޖުވާ ކުޅުމާއި ނަހަމަ ގޮތުގައި ހިންގާ ޖިންސީ ހަޑިމުޑުދާރު އަމަލުތަކާއި ރާބުއިމާ މަޖާކުރުމުގެ މައި މަރުކަޒު ކަމަށްވާ ލާސްވޭގަސް ވެސް ވަނީ ކޮވިޑްގެ ސަބަބުން ހަރަކާތްތައް ހުއްޓި އިނދަޖެހިފަ އެވެ. ކޮވިޑްގެ ސަބަބުން ލާސްވޭގަސްގެ ހަރަކާތްތަކުގެ 75 ޕަސެންޓް ހުއްޓުމަކަށް އައިސް އެރަށުގެ ހޮޓާތަކާއި ޖުވާކުޅޭ ތަންތަނާއި ޖިންސީ ނަހަމަ އަމަލުތައް ހިންގާ ތަންތަން ފަޅުވެ ބިރުވެރި ތަންތަނަށް ބަދަލުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (ފޮކްސް ނިއުޒް + ނޫސްއެޖެންސީތައް)