ރާއްޖޭގެ ގައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ޑިފެންސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އެފަދަ އިލްތިމާސެއް ކޮށްފައި ވަނީ އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިޔުމަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ލިޔުމުގައި ހުރި ވާހަކަތައް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ "ދިޔަރެސް" ނޫހުންނެވެ. އެ ނޫހުން ބުނެފައި ވަނީ، އެއްބަސްވުމުގެ ކޮޕީއެއް ލިބުނީ އެމްއެންޑީއެފްގެ އިސް ވެރިއެއްގެ ފަރާތުން ކަމަށެވެ.

ނަމަވެސް އެ ޑޮކިއުމެންޓަކީ ހަގީގަތާ ހިލާފު ދޮގު ލިޔެކިޔުމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނީ ރާއްޖެ އާއި އަވަށްޓެރި ގައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަގީގަތާ ހިލާފު ދޮގު ހަބަރާއި މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ލިޔެކިޔުންތަކެއް ދައުރުވަމުން ދިޔަ އިރު، އޭގައި ބުނެފައި ވަނީ އެތަނުގައި އިންޑިއާގެ އަސްކަރީ މީހުން ހަތިޔާރާ އެކު ތިބެވޭނެ ކަމަށެވެ. އަދި އެ މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އިރު އެ ފެސިލިޓި އިތުރު ފަރާތަކުން ވިޔަފާރީގެ ގޮތުން ބޭނުންކުރަން ދޭ ނަމަވެސް އިންޑިޔާއާ އެކު މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.