15 Mar 2021, 14:53
ދިއްލީ (މާޗް 15): އިންޑިއާއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ ރެކޯޑު އަދަދަކަށް އިތުރުވެއްޖެ އެވެ.
އިންޑިއާއިން އިއްޔެ ރިޕޯޓު ކުރި ގޮތުގައި އެގައުމުން 24 ގަޑި އިރު ތެރޭ 25،320 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެއީ މި އަހަރު ފެށުނު ފަހުން އެގައުމުން އެއް ދުވަސް ތެރޭ އެހާވަރަށް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އިންޑިއާގައި އިއްޔެ ރިޕޯޓު ކުރި ކޭސްތަކުގެ ތެރެއިން 87.73 ޕަސެންޓު ކޭސްތައް ރިޕޯޓުކޮށްފައި ވަނީ މަހާރަޝްތުރާ، ކެރަލާ، ޕަންޖާބު، ކަރުނާޓަކާ، ގުޖުރާތު، ޓަމިލް ނާޑޫ އަދި މަދުޔަ ޕްރަދޭޝްއިންނެވެ. އަދި މަހާރަޝްތުރާއިން އެކަނި ވެސް 15،602 މީހަކު އެއް ދުވަސް ތެރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
އިންޑިއާ އިން މިހާތަނަށް 11 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 158،607 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާގެ ޕަބްލިކް ހެލްތު ފައުންޑޭޝަންގެ ރައީސް ޑރ. ސްރިނަތު ރެޑީ ވިދާޅުވި ގޮތުގައި މި އަހަރުގެ ކުރީކޮޅު އެގައުމުގެ ކޭސްތައް މަދުވި ނަމަވެސް މިހާރު ކޭސްތައް އިތުރުވެފައި ވަނީ އާ ވޭރިއެންޓުތަކުގެ ސަބަބުންނާއި މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް މީހުން ނާޅާތީ އެވެ.
އިންޑިއާ އިން މިދިޔަ ޖެނުއަރީ މަހުގެ 16ގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު އެގައުމުން ވަނީ މިހާތަނަށް ގާތްގަނޑަކަށް 30 މިލިއަން މީހުންނަށް ވެކްސިން ޖަހައިފަ އެވެ.