މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުުރަތަމަ ޑޯޒް ޖެހުން މިއަދަށް ފަހު މެދުކަނޑާލާއިރު، މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް ވެކްސިން ޖަހަން ފަށާނީ ވެކްސިންގެ ދެވަނަ ބުރު ޕްލޭންކުރުމަށް ފަހު ފައިނަލް ވުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިއަދު އެ ސެންޓަރުން ބޭއްވި ނޫސްވެރިމްގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއަށް އިތުރަށް ގެންނަން އުޅޭ ވެކްސިން ޑޯޒްތައް ލިބޭނެ ތާރީހުތައް އެނގުމުން ވެކްސިންގެ ދެ ވަނަ ޑޯޒް ކުރިއަށް ގެންދާނެ ޕްލޭން ހިއްސާކުރާނެ ކަމަށެވެ.

"އެ ތާރީހުތައް ފައިނަލް ކޮށްލެވުނީމާ ނޫނީ [ތާރީހެއް] ނުދެވޭނެ. ސެކަންޑް ރައުންޑް އެއްކޮށް ޕްލޭންކޮށްފައި ވެކްސިން ޖަހަން ފަށާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އިން 206،114 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. ރާއްޖޭގައި މިހާތަނަށް ދެމުން ގޮސްފައި ވަނީ އެސްޓްރަޒެނެކާ ވެކްސިން އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އިއްޔެ ވަނީ ސައިނޯފާމް އަދި ފައިޒާ ވެކްސިން އިމަޖެންސީ ހަލަތުގައި ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ. ރާއްޖޭފައި ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް މިހާރު އެބަހުއްޓެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ އެ ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެ އަށް ހަދިޔާ ކުރަން ނިންމައިފަ އެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ފައިޒާ ވެކްސިންގެ 5،850 ވެކްސިން ޑޯޒް ލިބޭ އިރު އެސްޓްރަޒެނެކާ ވެކްސިންގެ 700،000 ޑޯޒަކާއި 300،000 ޑޯޒެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.