15 Mar 2021, 14:29
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާ "ފުލުސް ބޯޑު"ގެ މެމްބަރުކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ހާމީދު ފުލުހުންގެ ބޯޑަށް އައްޔަން ކުރުމަށް ވޯޓު ދެއްވީ، 41 މެމްބަރުންގެ ވޯޓުންނެވެ.
އޭނާ އައްޔަންކުރުމަށް ރުހުން ދިނީ، އެ ބޯޑަށް އައްޔަން ކުރާ އާންމު މެމްބަރުގެ ގޮތުގަ އެވެ. ދެ މެމްބަރުން އައްޔަން ކުރާ އެ ދެ މަގާމަށް އާންމުގެ ތެރެއިން ފަސް މީހަކު ކުރިމަތިލި އެވެ. އެހެން ނަމަވެސް ހާމިދު ފިޔަވައި ދެން ތިބި މީހުންނަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީ މަރުހަލާފައި ފާސްނުވި އެވެ.
ހާމިދުގެ ވޯޓަށް ފަހު، މަޖިލިސް ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ، ބާކީ އިން މެމްބަރުކަމުގެ މަގާމަށް މިއަދު މަޖިލިސް އިދާރާއިން ހުޅުވާނެ ކަމަށެވެ.
ހާމިދަކީ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުގެ ހާލުގައި ހުންނަވަނިކޮށް ހޮޑައިދޫން ހައްޔަރު ކުރި މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ. އޭރު މަޖިލިސް މެމްބަރުކަމުގައި ހުންނެވި ހާމީދު އެ މައްސަލާގައި ފުލުހުންނަށް ކުޑަކަމުދާތަކެތި ނުދެއްވުމަށް މަޖިލިހުގެ އިދާރާއަށް ވަދެވަޑައިގެން ނުކުމެވަޑައިނުގެން އިންނެވި އެވެ.
ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.
ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.