އެގާރަ މަހަށް ފަހު އަނެއްކާވެސް ޖޯން ޓެރީ އަތުން އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަތުލައިފި އެވެ. ޓެރީ އަތުން ކެޕްޓަން ބޭންޑް އަތުލާފައިވާކަން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މިފަހަރު ޓެރީ އަތުން ކެޕްޓަން ބޭންޑް އަތުލީ ކުއީން ޕާކް ރޭންޖާސް (ކިޔުޕީއާރު) ގެ އިނގިރޭސި ޑިފެންޑަރު އެންޓަން ފާޑިނަންޑަށް ނަސްލީ ގޮތުން ޓެރީ ދިމާކުރި މައްސަލަ ކޯޓުން ބަލަމުންދާތީ އެވެ. އިނގިރޭސި އެފްއޭ އިން ކުރިން މިމައްސަލަ ބެލި ނަމަވެސް އެއްވެސް ހެއްކެއް ނެތުމުން ޓެރީ އަށް އަދަބެއް ދީފައެއް ނުވެއެވެ.

"އެންޓަން ފާޑިނަންޑަށް ނަސްލީ ގޮތުން ޓެރީ ދިމާކުރި މައްސަލަ ކޯޓުން ބެލުމަށް ޖުލައި މަހަށް ފަސްކޮށްފައިވާތީ، އިނގިރޭސި އެފްއޭ އިން ވަނީ ޓެރީ އަތުން އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަތުލާފައި. ނަމަވެސް ގައުމީ ކޯޗު ފަބިއޯ ކަޕެއްލޯ ބޭނުންނަމަ، ޓެރީ އަށް މެޗުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ،" އިނގިރޭސި އެފްއޭ އިން ނެރުނު ބަޔާނެއްގައި ވެއެވެ.

ޓެރީ އަތުން ކުރިން ކެޕްޓަން ބޭންޑް އަތުލީ، އިނގިރޭސި ޑިފެންޑަރު ވޭން ބްރިޖްގެ ކުރީގެ ލޯބިވެރިޔާ އާއި ޓެރީ އާއި ދެމެދު ގުޅުމެއް އޮތް ކަމަށް ވާހަކަ ދެކެވެމުން ދާތީ އެވެ.