ސިޔާސީ މަގުސަދެއްގައި ދިވެހި ސިފައިންގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިޔާ ސަރުކާރާއިއިއެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންކަމަށް ބުނެ މިހާރު ދައުރުވަމުންދާ ޑޮކިއުމެންޓުގެ މައްސަލައިގަ އެވެ.

ޑިފެންސް މިނިސްޓްރީން ވަނީ އެ ލިޔުމަކީ ހަގީގަތާއި ހިލާފު ދޮގު ލިޔެކިޔުމެއްކަމަށް ބުނެފަ އެވެ.

އެ ޑޮކިއުމަންޓް އާންމުކޮށްފައި ވަނީ އޮންލައިން ނޫސް "ދިޔަރެސް" އިންނެވެ. އެ ނޫހުން ބުނެފައި ވަނީ، އެއްބަސްވުމުގެ ކޮޕީއެއް ލިބުނީ އެމްއެންޑީއެފްގެ އިސް ވެރިއެއްގެ ފަރާތުން ކަމަށެވެ.

އެ މައްސަލައިގައި މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީ ކަމަށްބުނެ ހަގީގަތާ ހިލާފު ދޮގި ހަބަރު ފެތުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ދިވެހި ސިފައިންގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެއް،" މިިނިސްޓަރު ވިދާޅުވި އެވެ.

އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ލިޔެކިޔުންތަކެއް ދައުރުވަމުން ދިޔަ އިރު، އޭގައި ބުނެފައިވަނީ އެތަނުގައި އިންޑިއާގެ އަސްކަރީ ފަރާތްތައް އެތަނުގައި ހަތިޔާރާއެކު ތިބެވޭނެ ކަމަށެވެ. އަދި އެ ފަރަތްތަކަށް ޑިޕްލޮމެޓިކް އިމިއުނިޓީ ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭންޖެހޭއިރު އެ ފެސިލިޓި އިތުރު ފަރާތަކުން ވިޔަފާރީގެ ގޮތުން ބޭނުންކުރަން ދޭ ނަމަވެސް އިންޑިޔާއާއިއެކު މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.

އެ ލިޔުންތައް ދޮގުކޮށް، ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އުތުރުތިލަފަޅުގައި ބަނދަރަކާއި ޒަމާނީ ނޭވަލް ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއިއެކު ޑިފެންސް މިނިސްޓްރީއިން ސޮއިކުރީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އިންޑިއާއިން ތަރައްގީކޮށްދޭ ކޯސްޓްގާޑުގެ ބަނދަރުގައި އެގައުމުގެ އަސްކަރިއްޔާގެ އެއްވެސް މީހަކު ނުތިބޭނެކަމަށް އެމްއެންޑީއެފްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާއެކު އެ ސަރަހައްދުގައި އިންޑިޔާ ސިފައިން ގާއިމުވެ ތިބޭނެކަމަށާއި އަދި އެ ސަރަހައްދުގައި ތަރައްގީކުރާ ޑޮކްޠާޑަކީ އިންޑިޔާއަށް އެކްސްކްލޫސިވިޓީ އޮންނާނެ ތަނެއްކަމަށް ބުނެ ވަނީ ވާހަކަތަކެއް ފެތުރިފަ އެވެ. އަދި އެތަނާއި ގުޅޭ އެއްބަސްވުން ސިއްރުކުރާކަމަށް ބުނެވެސް ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

އެހެންނަމަވެސް އެމްއެންޑީއެފުން ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ އަސްކރީ ބޭސްއެއް އެޅުމަށް ފުރުސަތު ދޭން އުޅޭ ވާހަކަތައް ކުރީގައިވެސް ދޮގުކޮށްފަ އެވެ.