15 Mar 2021, 13:10
ސައިނޯފާމް ކުންފުންޏަކީ ވެކްސިން އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ވެކްސިން އުފެއްދުުމުގައި ސިނާއަތުގައި ހަ ވަނައަށް ހަރަކާތްތެރިވާ ކުންފުނި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ.
ރާއްޖޭގައި މިވަގުތު ސައިނޯފާމްގެ 18،000 ވެކްސިން ޑޯޒް އެބަހުއްޓެވެ.
ސައިނޯފާމް ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭއިރު، މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަކުރާނެއެވެ. މި ވެކްސިން ރައްކާ ކުރާނީ 8-2 ޑިގްރީ ގައެވެ.
ޗައިނާ ސަރުކާރުން ވަނީ ސައިނޯފާމްގެ 200،000 ވެކްސިން ޑޯޒް ރާއްޖެ އަށް ހަދިޔާ ކުރަން ނިންމައިފައެވެ.
މީގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 5،850 ޑޯޒް ވެސް ލިބޭނެއެވެ. މިވަގުތު ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައެއް ނެތެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ 70- ޑިގްރީގައި ކަމަށާއި ރާއްޖޭގައި އެ ވެކްސިން ހޭންޑަލް ކުރުމުގެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.
"ރާއްޖޭގެ ސެންޓްރަލް ސްޓޯގައި 70- އާއި 80- އާ ދެމެދު ސްޓޯކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައި ހުރީ. އޭގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައިވސް މި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ފިނި ޓެމްޕަރޭޗަރުގައި ހޭންޑަލް ކުރުމުގެކުރިން އާދައިގެ ފްރިޖުގައިވެސް ފަސް ދުވަސްވަންދެން ގެންގުޅެވޭނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑު ވެކްސިން އެވެ. އެ ވެކްސިންގެެ 212،000 ޑޯޒް ރާއްޖެއަށް ލިބިފައިވާއިރު، ރޭގެ ނިޔަލަށް އެ ވެކްސިންގެ 8،000 ޑޯޒް ބާކީ ހުރި ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.
އިއްޔެ އާއި ހަމައަށް ރާއްޖެއިން 206،114 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. މިއަދަށްފަހު ވެކްސިންގެ ފުރަތަމަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ޖެހުން ހުއްޓާލާނެއެވެ. އެ ތާރީހުގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދާނެ އެވެ.
މި ވެކްސިންގެ އިތުރަށް ކޮވިޝީލްޑުގެ 700،000 ޑޯޒަކާއި 300،000 ޑޯޒެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.