15 Mar 2021, 16:20
މެދުއިރުމަތީގެ އެންމެ ފާހަގަ ކޮށްލެވޭ ސީއީއޯއިންގެ ތެރޭގައި އުރީދޫ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަޒީޒް އަލުތްމަން ފަޚްރޫ ހިމެނިއްޖެ އެވެ.
ފޯބްސް މިޑްލް އީސްޓް އިން ވަނީ މެދުއިރުމަތީގެ ކުންފުނިތަކުގެ ސީއީއޯ އިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 50 ފަރާތް އާންމު ކޮށްފަ އެވެ.
މި ރޭންކިންގައި ހިމަނާފައި ވަނީ ޓެލެކޮމިޔުނިކޭޝަން ހިމެނޭހެން އެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.
އަލުތްމަން އުރީދޫގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި މަސައކަތް ކުރައްވަން ފެއްޓެވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ ދަނީ އުރީދޫ ގްރޫޕުގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުންނެވެ.
އުރީދޫ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރަކީ ގަތަރުގެ ފިނޭންސް މިނިސްޓަރުގެ ސީނިއާ އެޑްވައިޒަރުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އޭނާ ވަނީ ޑެޕިޔުޓީ އަންޑާސެކްރެޓަރީ ފޯ ބަޖެޓް ޓްރެޒަރީ އެންޑް ފައިނޭންޝަލް އެފެއާޒްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ގަތަރު އިންވެސްޓްމެންޓް އޮތޯރިޓީގެ ކޯ ހެޑް އޮފް މާޖާސް އެންޑް އިކިއުޒިޝަންސްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
އިގްތިސޯދީ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިލައްވާފައިވާ އަލުތްމަން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.
މެދުއިރުމަތިގެ އެންމެ ވަރުގަދަ ސީއީއޯ އިންގެ ތެރޭގައި ހިމެނިވަޑައިގަތުމާ ގުޅޭ ގޮތުން އަލުތްމަން ވިދާޅުވީ މެދުއިރުމައްޗަށް ނިސްބަތްވާ ހުނަރުވެރި ގިނަ ބަޔަކު މަތީ ފަންތީގެ ވަޒީފާތަކުގައި މަސައްކަތް ކުރާ ކަމަށެވެ. އޭނާ ވަނީ އުރީދޫގެ ގްރޫޕް ޗެއާމަން ޝައިހް ފައިސަލް ބިން ޘާނީ އަލް ޘާނީ އަށް ޝުކުރު އަދާ ކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް އުރީދޫ ގްރޫޕާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.