15 Mar 2021, 11:58
އިއްޔެ ލޯންޗުކުރި ފްލޯޓިން އައިލެންޑް ޓެކްނޮލޮޖީއަކީ ބިން މަދުވުން ފަދަ މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމެއް ކަމަށާއި، އެ ޕްރޮޖެކްޓާ މެދު ފަހުރުވެރިވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓު ހެދުމަށް އެންމެ ފުރަތަމަ ސޮއިކުރީ އެމަނިކުފާނުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ.
އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް އަނެއްކާވެސް ފެތުރުނެވެ. ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް ފަހުންވެސް ސާފު ވެފައެއް ނުވެއެވެ.
ނަމަވެސް އިއްޔެ ވަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލެންޑްސް ކުންފުންޏާއެކު ދެވަނަ ފަހަރަށް ހެދި އެއްބަސްވުމުގެ ދަށުން އެ ޕްރޮޖެކްޓު ލޯންޗު ކޮށްފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެންނެވެ. އަދި މީހުން ދިރިއުޅުމަށް ހާއްސަ ކޮށްގެން އެތަނުގައި އެތައް ހާސް ގެއެއް ހަދާނެ ކަމަށް ބުނެފައި ވެއެވެ.
މާލެ/ހުޅުލެ އިން ފުރައިގެން 10 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީ ކުރާ އެ ސިޓީއަކީ އެ ކޮންސެޕްޓަށް ދުނިޔޭގައި ހަދާ ފުރަތަމަ ސިޓީކަން މަޖިލިސް ރައީސް މިއަދު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ ފްލޯޓިން ސިޓީއަކީ ދުނިޔޭގައި އަލަށް ކުރެވޭ މަސައްކަތެއް ކަމަށައި އެބާވަތުގެ އެހެން މަސައްކަތެއް ނެތް ކަމަށެވެ.
އަދި އެ މަސައްކަތަކީ މޫސުމަށް އަންނަ ބަދަލާއި ލޮނުގަނޑު އުފުލިގެންދާ ދިއުމާއި ބިން މަދުވުމުގެ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ހުށަހެޅޭ ޓެކްނޮލޮޖީއެއް ކަމަށެވެ.
"މިކަމުގައި ދިވެހިރާއްޖޭގައި މި މަސައްކަތް ފެށޭ ކަމީ އަޅުގަނޑުމެން އެންމެނަށް ވެސް ލިބޭ ފަހުރެއް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
ދިވެހި ސަރުކާރާ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑްސް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ ދަށުން 200 ހެކްޓަރުގެ ފަޅެއްގައި ފެނުމަތީގައި ހުންނަ ގޮތަށް ގެތައް ފަރުމާކޮށް ބަހައްޓާނެ އެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް 2022 ވަނަ އަހަރު ފަށާނެ ކަމަށް ޕްރެސް ރިލީޒްގައި ބުނެފައި ވެއެވެ. ފިޔަވަހި ތަކަކަށް ބަހަލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއު ނިމޭއިރު އެތަނުގައި މީހުން ދިރިއުޅޭ ގެތަކާއި ފިހާރަތަކާއި ހޮސްޕިޓަލުތައްވެސް ހުންނާނެ އެވެ.