04 Feb 2012, 15:32
މެންޗެސްޓާ ޔުނައިޓެޑުން އަނިޔާގައި ތިބި ވޭން ރޫނީ އަށާއި، އޭޝްލީ ޔަންގް އަދި ނާނި އަށް މާދަމާ ރޭ ޗެލްސީ އާއި ދެކޮޅަށް ކުޅޭ ޕްރެމިއާ ލީގު މެޗުގައި ބައިވެރިވެވޭނެ ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
ރޫނީ އަދި ނާނި އަށް ވަނީ އެފްއޭ ކަޕުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗާއި ސްޓޯކް ސިޓީ އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު ލީގު މެޗު ވެސް ގެއްލިފަ އެވެ. މިހަފްތާގައި މެންޔުނައިޓެޑާއި އެކު ފަރިތަކުރުމުގައި ބައިވެރިވި މިދެކުޅުންތެރިންނަށް ވެސް ޗެލްސީ އާއި ދެކޮޅަށް މާދަމާރޭ ކުޅެ މެޗުގައި ބައިވެރިވެވޭނެ ކަމަށް ކޯޗް ފާގަސަން ބުނެއެވެ.
މިދިޔަ އޮކްޓޯބަރު މަހު އަނިޔާ ލިބުނު ކްލެވަލީ ވެސް މެންޔުނައިޓެޑް ޓީމުގައި އަލުން ހިމެނުނު ނަމަވެސް އޭނާ ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ފެނިގެންދާނެ ކަމުގެ ޔަގީންކަން ކޯޗު ފާގަސަން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު އަނިޔާ ލިބުނު ޔަންގްގެ ނަން ވެސް ޗެލްސީ އާއި ދެކޮޅަށް މެންޔުނައިޓެޑުން ނުކުންނަ ސްކޮޑުގައި ހިމެނޭނެ ކަމަށް ވެސް ކޯޗް ފާގަސަން ބުނެފައި ވެއެވެ.
"މިސީޒަނުގައި ޓީމުގެ ގިނަ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާތަކާއި ކުރިމަތިލާން ޖެހުނު. މާދަމާރޭ ޗެލްސީ އާއި ދެކޮޅަށް ނުކުންނަ މެޗުގައި ރޫނާ އަށާއި ނާނި އަށާއި ޔަންގް އަށް ކުޅެވޭނެ. ކްލެވަލީ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތަސް އޭނާ ޓީމާއި އެކު ދަތުރުކުރާނެ." ފާގަސަން ބުންޏެވެ.
މާދަމާރޭ ޗެލްސީ އާއި ދެކޮޅަށް މެންޔުނައިޓެޑް ނުކުންނަ އިރު، މިދެޓީމަށް ވެސް މިމެޗު މުހިންމު ވެގެންދާނެ އެވެ. މެންޔުނައިޓެޑް ލީގު ދިފާޢު ކުރަން ބޭނުން ނަމަ، މިސީޒަނުގެ ބާކީ އޮތް ހުރިހާ މެޗަކުން މޮޅުވެ ލީގުގެ އެއްވަނަ އަށް އެރުމަށް މަޖުބޫރު ވާނެ އެވެ. މިވަގުތު ލީގުގެ ދެވަނާގައި މެންޔުނައިޓެޑް އޮތީ ގޯލުގެ ތަފާތުންނެވެ. އަނެއްކޮޅުން ޗެލްސީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ބޭނުން ނަމަ މިމެޗަކީ މުހިންމު މެޗެކެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މާދަމާރޭ 9:00 ގައެވެ.