14:30


އެކަށީގެންވާ ހެއްކާއި ގާރީނާ ނެތި، ރައްޔިތުންގެ މަޖިލިސްގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ތިން ދުވަހަށް ގޭބަންދުކޮށްފައި ވާތީ ވަގުތުން ނާޒިމް ދޫކޮށްލުމަށް އޭނާ އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒު ރޭނީސް މުހައްމަދު ސަލީމު ވިދާޅުވީ މިއަދު ހެނދުނު ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގަނެ، މިރޭ 8.30 ގައި އަޑުއެހުން ބާއްވަން ހަމަޖައްސައިފައިވާ ކަމަށެވެ.


ފުލުހުން ވެސް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ފުލުހުން ހުށަހަޅައިފައި ވަނީ ޖިނާއީ ކޯޓުގައި ވެސް ފުލުހުން އެދިފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސް އަދި ޕީއޭގެ ވެސް ނައިބު ލީޑަރު 15 ދުވަސް ވަންދެން ޖަލުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް، 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. ނަމަވެސް އެ މައްސަލަ ކުރިއަށްގެންދިއުމަށް ވަކި ގަޑިއެއް ހަމަޖައްސައިފައެއްނުވެ އެވެ.


ޖިނާއީ ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންގެ ފައުޖެއް ވަނީ ނާޒިމް ދިރިއުޅުއްވާ ގ. އާބިން އަށް ގޮސް ނާޒިމް ހައްޔަރުކޮށްފައެވެ. އަދި އެއަށްފަހު އެ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހިއިރު ފުލުހުން ވަނީ ނާޒިމް ޖިނާއީ ކޯޓަށް ހާޒިރުކޮށްފައެވެ.


ބުރާސްފަތި ދުވަހު ތިނެއް ޖެހީއްސުރެ ޖިނާއީ ކޯޓުގައި ކުރިއަށްދިޔަ މި މައްސަލާގެ ޝަރީއަތުގައި ފުލުހުން ވަނީ ނާޒިމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ މައްސަލާގައި ބޭނުންވާ ހެކި ހޯދުމަށް އޭނާ 15 ދުވަހު ޖަލުގައި ހައްޔަރުކުރުމުގެ ފުރުސަތަށް އެދިފައެވެ. އަދި ނާޒިމް ޖަލުގައި ބަންދުނުކޮށްފިނަމަ ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ފޮރުވަން މަސައްކަތް ކުރުމުގެ އިތުރުން ފިލަން މަސައްކަތްކޮށްފާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިމައްސަލާގައި ބުރާސްފަތި ދުވަހުގެ ރޭ ޖިނާއީ ކޯޓުގައި އޮތް ޝަރީއަތުގައި ހުކުމް އިއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ނާޒިމްއަށް ވަޑައިގެންނެވޭ ގޮތަށް ތިން ދުވަހު ގޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުންގެ ތަޙްޤީޤް ކުރިއަށް ގެންދިއުމަށެވެ.


ނާޒިމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތް ދެއްވިކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ މައްސަލައިގެ އިތުރުން ބަޔަކަށް ފައިސާ ދީގެން މި ސަރުކާރުގެ އިސް ބޭފުޅުންތަކަކަށް ހަމަލާދޭން އުޅޭ ކަމުގެ ތުހުމަތު ގައެވެ. މި މައްސަލައިގައި ފުލުހުން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައި ވަނީ ލީކުކޮށްލައިގެން އުޅޭ ފޯނު ކޯލްތަކުގެ އޯޑިއޯ އެވެ. ނަމަވެސް ޖިނާއީ ކޯޓުގެ ގާޒީ އަބުދުﷲ މުހައްމަދު ވިދާޅުވީ ގާނޫނާ ހިލާފަށް ހޯދައިފައިވާ ހެކިތަކަށް މައްސަލަ ނިންމެވުމުގައި ބައްލަވައިފައިނުވާ ކަމަށެވެ.