15 Mar 2021, 09:43
މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނެތި މާލޭ ސިޓީގައި ކެމްޕެއިން މެޓީރިއަލް ހަރުކުރާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރާ އިންތިހާބަކަށް ވާތީ، އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ފީ އަކާ ނުލައި މާލޭ ސިޓީގައި އިސްތިހާރު ހަރުކުރުން ފަދަ ކަންތަކަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.
އިސްތިހާރު ހަރުކުރަން ހުއްދަ ދޭނެ އުސޫލެއް އެ ކައުންސިލުން އެކުލަވަލާފައިވާ އިރު، އެ އުސޫލާ ހިލާފަށް އަދި ހުއްދަ ނެތި އިސްތިހާރު ނުވަތަ ކެމްޕެއިން މެޓީރިއަލް ހަރުކުރާ ނަމަ ހުއްދަ ދުނަގާ އިސްތިހާރު ބަހައްޓާ ކޮންމެ ދުވަހަކަށް 1،000 ރުފިޔާ އާއި 2،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އަދި އިސްތިހާރު ނަގަން ޖެހޭ މުއްދަތު ހަމަވުމުން އިސްތިހާރު ނުނަގާ، ފާއިތުވާ ކޮންމެ ދުވަހަކަށް 2،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ އުސޫލު ބުނާ ގޮތުން އިސްތިހާރު ހަރުކުރަން ހުއްދަ އަށް އެދޭ އިރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްކަން އަންގައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ލިޔުން ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން ހަރު ކުރަން ބޭނުންވާ އިސްތިހާރެއްގެ ހާޑް ކޮޕީ ކުލަކޮށް ހުށަހަޅަން ޖެހޭނެ ކަމަށާއި ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ އިސްތިހާރެއް ނަމަ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ހުއްދަ ނަގަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކެމްޕެއިނަށް ދަމާފައިވާ ބެނާ އިސްތިހާރުގެ ސަބަބުން ޢާއްމު ރައްޔިތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެ ނަމަ އިސްތިހާރު ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކެމްޕެއިން މެޓީރިއަލް ހަރު ނުކުރެވޭނެ ނުވަތަ ނުހިއްޕޭނެ ތަންތަނުގެ ގޮތުގައި ކައުންސިލުން ކަނޑައާޅާފައިވަ ތަންތަން:
(ހ) ދައުލަތުގެ އިމާރާތްތަކާއި ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރު.
(ށ) ސަހަރާތަކުގަ އާއި ޕާކުތަކުގައާއި އަދި ޔުޓިލިޓީސް ޚިދުމަތް ދިނުމަށް މަގުމަތީ ފާރުގައި ހަރުކޮށްފައިވާ ފޮށިތަކާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކާއި، ގަސް އިންދުމަށް މަގުމަތީގައި ޖަހާފައިހުންނަ ފެންސްތައް
(ނ) މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް
(ރ) އެއްވެސް ބާވަތެއްގެ އިޝްތިހާރެއް މަގުމައްޗަށާއި މަގުމަތީގައި ހުންނަ އެއްޗިއްސަށާއި ވެހިކަލްތަކަށާއި އެނޫން ވެސް ތަންނަނަށް އެޅުން
ކައުންސިލުގެ އުސޫލުގައި ބުނީ އަމިއްލަ މީސް މީހުންގެ ގޭގެއާއި އިމާރާތްތަކުގައި އިޝްތިހާރު ބަހައްޓައި ހަރުކުރަން ވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.
އިޝްތިހާރުގެ މުއްދަތު ހަމަވުމުން އެތަނަކުން އިޝްތިހާރު ނައްޓައި ނުވަތަ ނަގައި ތަން ސާފުކުރުމަކީ އިޝްތިހާރު ހަރުކުރާ ފަރާތުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.