އައްޑޫ ސިޓީ ފޭދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 23:45 ހާއިރު ކަމަށެވެ.

ޒަހަމްވި ދެމީހުންނަށް އައްޑޫ ސިޓޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ފޭދޫގައި ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ހަތް މީހަކަށް އަނިޔާވި އެވެ. އަދި އެ މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެެއްގެ އިތުރުން 32 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ.