ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ. އިންޓަމިލާނަށް ކޯޗުކޮށްދިން ދުވަސްވަރު އެހުރިހާ ޕްރެޝަރާ ކުރިމަތިލާފައިވާނެ ކަމަށް ވެސް މަންޗިނީ ބުނެފައި ވެއެވެ.

ޕްރެމިއާ ލީގުގެ އެއްވަނާގައި މެންސިޓީ އޮތީ ގޯލުގެ ތަފާތުންނެވެ. ދެވަނާގައި އުޅޭ މެންޔުނައިޓެޑް ވަނީ ޕޮއިންޓްގެ ގޮތުން މެންސިޓީ އާއި ހަމަހަމަ ކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މެންސިޓީ އަދިވެސް އޮތީ ލީގުގެ އެއްވަނާގަ އެވެ.

ޕްރެމިއާ ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ، މިސީޒަނުގައި އެޓީމަށް އިނގިރޭސި އެއްވެސް ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި މެންސިޓީ އަށް ދެން އޮންނާނެ އުންމީދަކީ ޔޫރަޕާ ލީގުގެ ތައްޓެވެ. މެންސިޓީ ވަނީ އިނގިރޭސި އެފްއޭ ކަޕުންނާއި ކާލިންގް ކަޕުން ވެސް ކަޓާފަ އެވެ.

"އިންޓަމިލާން ގައި އަހަރެން ހުރިހާ ޕްރެޝަރަކާއި ކުރިމަތިލިން. އިންޓަމިލާނަށް ފަހު ކޮންމެ ޓީމަކަށް ވެސް ކޯޗުކަން ކޮށްދިނުމަކީ ވެދާނެ ކަމެއް. އިންޓަމިލާނަކީ ވެސް މެންޔުނައިޓެޑް ފަދަ ކާމިޔާބީ ތާރީޚެއް އޮތް ކުލަބެއް. އެހެން ކަމުން ގިނަ ޕްރެޝަރުތަކަކާއި ކުރިމަތިލާން ޖެހުނު. ނަމަވެސް މިހާރު މެންސިޓީގައި ހުރެ ލީގު ކާމިޔާބުކުރުމުގެ ޕްރެޝަރެއް ނެތް." މަންޗިނީ ބުންޏެވެ.

މެންޔުނައިޓެޑަށް ވާދަވެރި މެންސިޓީ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވުނީ މިދިޔަ ހަފްތާގައި އެވަޓަން އަތުން 1-0 ލަނޑުން މެންސިޓީ ބަލިވުމުންނެވެ. ޕްރެމިއާ ލީގުގައި މެންސިޓީ މިރޭ ފުލަމް އާއި ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 10:30 ގައެވެ.