15 Mar 2021, 00:09
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ގަތުމަށް އެއްބަސްވެފައި ވަނީ ކޮވިޝީލްޑްގެ އިތުރު ތިން ލައްކަ ޑޯޒް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
ވެކްސިން ގަތުމަށް ސަރުކާރުން ނިންމައި، ފިންސޭންސް މިނިސްޓަރީން ވަނީ އެކަން ކުރުމަށް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަަށް ކަނޑައަޅައި، ގަރާރެއް ނެރެފަ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިހާރު ވެކްސިން ގަތުމަށް ސީރަމް އިންސްޓިޓިއުޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ސޮއިކުރީ ކޮވިޝީލްޑްގެ ތިން ލައްކަ ޑޯޒް ގަތުމަށް ކަމަށެވެ.
އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ކޮވިޝީލްޑުގެ 200،000 ޑޯޒް ހަދިޔާ ކޮށްފަ އެވެ. އަދި ކޮވެކްސް ފެސިލިޓީން ވެސް ރާއްޖެއަށް ކޮވިޝީލްޑްގެ 12،000 ޑޯޒް ވަނީ ހަދިޔާކޮށްފަ އެވެ.
އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ވެކެސިން ގަންނަ އަގު ސަރުކާރަކުން ނުބުނެ އެވެ.