15 Mar 2021, 00:09
ކޮވިޑް19 ގެ އިތުރު ވެކްސިން ރާއްޖެއަށް ލިބުމާއެކު، މިހާރު ފުރަތަމަ ޑޯޒް ނުދެވި ތިބި މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ކަމަށެވެ. އެގޮތުން މިއަދުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ދެވޭ އާބާދީގެ 46 ޕަސެންޓު މީހުންނަށް ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއަށް ގެނެސްފައި ވަނީ 212،000 ޑޯޒްގެ ވެކްސިން އެވެ. އެއީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒް އާއި ކޮވެކްސް ފެސިލިޓީން ހަދިޔާކުރި 12،000 ޑޯޒް އެވެ.
މިއަދާ ހަމައަށް ރާއްޖެއިން 206،114 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އެހެންކަމުން މިވަގުތު ބާކީ ހުރީ 5886 ޑޯޒް އެވެ.
ރާއްޖޭގައި މިވަގުތު ޗައިނާގެ ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ވެސް އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިނަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަދި ހުއްދަ ދީފައެއް ނުވެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ ވެކްސިންގެ އެޕްރޫވަލްގެ ކަންކަން ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ހުއްދަ ލިބުނުހާ އަވަހަކަށް ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވަރަށް އަވަހަށް ޗައިނާ ސަރުކާރުން ހަދިޔާކުރި ސައިނޯފާމް ވެކްސިނާއި، ކޮވެކްސް ފެސިލީޓީ މެދުވެރިކޮށް ލިބެންހުރި އިތުރު ވެކްސިނާއި، ފައިޒާގެ 5850 ޑޯޒް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު މަސައްކަތް ކުރަނީ އޭޕްރީލް މަހު ދެވަނަ ޑޯޒް ޖަހަން ފެށުން. އިތުރު ވެކްސިން ލިބޭ ވަރަކަށް ފުރަތަމަ ޑޯޒް ނުދެވި ތިބި ފަރާތްތަކަށް ވެސް ވެކްސިން ޖަހާ ނިންމުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުރަތަމަ ޑޯޒް ޖަހަން ފެށިއިރު، ދެވަނަ ޑޯޒް ޖެހުމަށްޓަކައި ފުރަތަމަ ޑޯޒް ޖެހުން މާދަމާ ހުއްޓާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން އެގޮތަށް އިއުލާން ކުރުމާއެކު، މިިދިޔަ ހަތަރުވަރަކަށް ދުވަހު ވެކްސިން ސެންޓަރުތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ.
ނަމަވެސް އެ ތާރީހުގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދާނެ އެވެ.
ދިވެހި ސަރުކާރުން މިހާރު ވަނީ ރާއްޖެއަށް ވެކްސިން ގަތުމަށް ސީރަމް އިސްޓިޓިއުޓާއެކު އެއްބަސްވުމަކަށް ދާން ނިންމައިފަ އެވެ.