ކޮވިޑް19 އާ ދެކޮޅަށް ރާއްޖޭގައި ކޮވިޝީލްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ދެ ލައްސަ ހުރައްކޮށްފި އެވެ.

މިއަދު ރާއްޖެއިން 7،908 މީހަކު ވެކްސިން ޖެހި އިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޖެހި 4،941 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 2،967 މީހުންނެވެ.

އެއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 206،114 އަށް އަރައިފަ އެވެ. އެއީ މާލެ ސަރަހައްދުން ޖެހި 116،636 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 89،478 މީހުންނެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުރަތަމަ ޑޯޒް ޖަހަން ފެށިއިރު، ދެވަނަ ޑޯޒް ޖެހުމަށްޓަކައި ފުރަތަމަ ޑޯޒް ޖެހުން މާދަމާ ހުއްޓާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން އެގޮތަށް އިއުލާން ކުރުމާއެކު، މިިދިޔަ ހަތަރުވަރަކަށް ދުވަހު ވެކްސިން ސެންޓަރުތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ.

އެޗްއީއޯސީން މިއަދު ބުނީ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާގޮތަށް ނިންމާފައިވީ ނަމަވެސް އެ ތާރީހުގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ފަރާތްތަކަކީ:

  • ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމުގައިވާ އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން

  • ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
    ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
  • ބައްޔެއްގެ ސަބަބުން، ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ.