ގަތަރާއެކު އަލުން ގުޅުން ގާއިމުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ އިތުރުން މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި އަދި ސަރުކާރުގެ އިސްއޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާ ދެގައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

އެ ދަތުރުފުޅަށް ފަހު އެމަނިކުފާނު މި މަހުގެ 17 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝަށް ވެސް ވަޑައިގަންނަވާނެ އެވެ.

އެ ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަހްމާން"ގެ ރަސްމީ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމާއި އެ ގައުމުގެ ސަރުކާރުގެ އިސްއޮފިޝަލުންނާއި ބައްދަލުކުރައްވައި އެކިދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ހަމަ އެއާއެކު މިދަތުރުފުޅުގައި ބަންގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާޗު 20 ވަނަ ދުވަހުގައެވެ.