04 Feb 2012, 15:22
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ހަތަރު ވަނަ އަންހެނުންގެ ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު މިދިޔަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލަބު ކާމިޔާބު ކޮށްފި އެވެ.
މެޗުން މޮޅުވުމުން ޕޮލިހުން ވަނީ ފައިނަލާ ގާތައް ޖެހިލައިފައެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ނައިފަރު ޖުވެނައިލް އާއި ވާދަކޮށް ޕޮލިސް ކުލަބުން މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ތިން ސެޓް ދެ ސެޓުން ނެވެ.
މެޗުގެ ސެޓްތައް ދެ ޓީމުން ކާމިޔާބު ކޮށްފައިވާ ގޮތަށްބަލާއިރު، ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ ޖުވެނައިލްގެ ޓީމުންނެވެ. އެއީ 15-25 އަދި 16 -25 އިންނެވެ. އަދި މެޗުގެ ބާކީ ތިން ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 25-22، 25-22 އަދި 15-12 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބްގެ ސުހާނާ އަހުމަދެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ކުލަބް ޕީކޭއާއި އަމިކާ ސްޕޯޓްސް ކުލަބެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ކުލަބް ވިޗެންޒާ އާއި ނައިފަރު ޖުވެނައިލް އެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ދެ ވަނަ ޓީމާއި ތިން ވަނަ ޓީމް ކުޅޭ މެޗުން މޮޅުވާޓީމެއް ދެ ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރު ކުރާނެ އެވެ. މިމުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ޕޮލިސް ކުލަބް، އަމިކާ ސްޕޯޓްސް ކުލަބް، ކުލަބް ވިޗެންޒާ، ޖުވެންލައިން ސްޕޯޓްސް ކުލަބު އަދި ކުލަބް ޕީކޭ އެވެ.