ރިޔާޒް (މާޗް 14): ސައުދީ އަރަބިއާގައި މަސައްކަތް ކުރާ ބޭރު މީހުން މޮނިޓާ ކުރުމަށް އެކުލަވާލާފައިވާ ކަފާލާ ނިޒާމަށް އެގައުމުން ގެނައި އިސްލާހުތަކަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

ސައުދީގައި ގޭތެރޭގައި ކުރާ މަސައްކަތްތަކާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރާ ބޭރު މީހުންނަށް އަމާޒުކޮށް ހަދާފައިވާ ކަފާލާ ނިޒާމުގެ ދަށުން އެފަދަ ކޮންމެ މަސައްކަތްތެރިއެއްގެ "ސްޕޮންސާ"އެއް އެގައުމުގައި ހުންނަން ޖެހޭނެ އެވެ. އަދި މަސައްކަތް ކުރަން ދާ މީހާގެ ވިސާއާއި ކުރާ މަސައްކަތުގެ ކޮންޓްރޯލް އޮންނާނީ އެ ސްޕޮންސާގެ އަތުގަ އެވެ.

އެ ނިޒާމުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުތައް ގެއްލޭ ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް، ކަފާލާ ނިޒާމު އިސްލާހުކުރާނެ ކަމަށް ސައުދީގެ ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހު އިއުލާން ކުރި އެވެ. އެ އިސްލާހުތައް ގެންނަނީ ސައުދީގެ މަސައްކަތުގެ ބާޒާރަށް މީހުން ޝައުގުވެރިކޮށް، މަސައްކަތުގެ މާހައުލު ރަނގަޅު ކުރުމަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ނިޒާމަށް ގެނައި އާ އިސްލާހުތަކުގެ ދަށުން، ބޭރުގެ މަސައްކަތްތެރިން ހަދާފައިވާ ކޮންޓްރެކްޓު ހަމަވުމުން އެ މީހުންނަށް ސްޕޮންސަރުގެ ހުއްދައާ ނުލައި އެހެން ވަޒީފާއަކަށް ދެވޭނެ އެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތު ހަމަނުވި ނަމަވެސް ވަޒީފާއިން ވަކިވާނެ ކަމުގެ ނޯޓިސް ދިނުމަށް ފަހު، ވަޒީފާއިން ވަކިވެވޭނެ އެވެ.

މީގެ އިތުރުން ސްޕޮންސާއަށް އޮންލައިންކޮށް ނޯޓިސް ދިނުމަށް ފަހު، ސައުދީ އަރަބިއާއިން ބޭރަށްވެސް މަސައްކަތްތެރިންނަށް ދަތުރު ކުރެވޭނެ އެވެ. އަދި އެކަމަށް ސްޕޮންސާގެ ހުއްދައެއް ބޭނުން ނުވާނެ އެވެ.

އެ އިސްލާހުތަކުގައި ވަނީ މަސައްކަތުގެ ކޮންޓްރެކްޓާއި މުސާރަ ނުލިބޭ މީހުންނަށްވެސް އެހީވެވޭނެ ގޮތްތައް ހިމަނާފަ އެވެ.

ގަލްފުގެ ގައުމުތަކުން 1950ގެ އަހަރުތަކުގައި ކަފާލާ ނިޒާމު ބޭނުން ކުރަން ފެށީ އެ ސަރަހައްދުން ތެޔޮ ފެނި، އެގައުމުތައް ކުރިއެރުވުމަށް ބޭރު ގައުމުތަކުން ގިނަ އަދަދެއްގެ މަސައްކަތްތެރިން ގެންދަން ފެށުމުންނެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ވަޒީފާ ދޭ މީހުން ކަފާލާ ނިޒާމުގެ ދަށުން މަސައްކަތްތެރިންގެ ޕާސްޕޯޓު ހިފަހައްޓާ، ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވާ، މުސާރަ ދިނުމަށް ދެކޮޅަށް ހަދާ ކަމަށް ބުނެފަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި ގަލްފުގެ ބައެއް ގައުމުތަކުން ވަނީ އެ ނިޒާމަށް އިސްލާހުތައް ގެނެސްފަ އެވެ.