ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަކީ ގާނޫނާއި ގަވައިދާ އެއްގޮތަށް ރާއްޖޭގެ ތިމާވެއްޓަށާއި ބަޔޯޑައިވާސިޓީ އަށް ގެއްލުން ނުވާނެހެން ހިންގާ ހަރަކާތްތަކަށް ވާން ޖެހޭނެ ކަމަށްް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

ރާއްޖޭގައި ހިންގާ ޓޫރިސްޓު އެސްޓެބްލިޝްމެންޓުތަކަށް އެ މިނިސްޓްރީ އިން ފޮނުވި ސާކިޔުލާއެއްގައި ބުނީ މިޔަރަށް ކާންދިނުން ނުވަތަ ޝާކް ފީޑިންއަކީ ރެކްރިއޭޝަނަލް ޑައިވިން ގަވައިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

ބައެއް ޓޫރުިސްޓު އެސްޓެބްލިޝްމެންޓިތަކުން އެކްސްކާޝަންގެ ހަރަކާތްތައް އިޝްތިހާރު ކުރާއިރު ޝާކް ފީޑިން ހިމަނާފައި ހުރެއެވެ.

އަދި މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމުގެ ސަބަބުން ހިތާމަވރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. އެފަދަ ކަންތަކުގެ ވާހަކަ މި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މިނިސްޓްރީގެ ސާކިޔުލާގައި ބުނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ސަމާލުކަން ދީގެން، ގާނޫނާ ގަވައިދުގެ ތެރެއިން ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް ހަނދާންކޮށްދޭ ކަމަށެވެ.