ލ. މާމެންދޫގައި ވޮލީކޯޓަކާއި ބާސްކެޓް ކޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު މާމެންދޫއަށް ވަޑައިގެން އެރަށު ސްކޫލަށް ޒިޔާރަތް ކުރައްވައި، އެސްކޫލްގެ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތަކަކީ ވެސް ވަރަށް މުހިންމު ކަންކަން ކަމުގައި ވިދާޅުވެ، މާމެންދޫއަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއްކަން ފާހަގަކުރެއްވި އެވެ.

"މާމެންދޫގައި ވޮލީކޯޓަކާއި ބާސްކެޓް ކޯޓެއް ތަރައްގީ ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާނެ. މާމެންދޫއަކީ ކުޅިވަރަށް ވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މާމެންދޫއަށް ކުރެއްވި ދަތުރު ފުޅުގައި އެރަށުގެ ތަރައްގީގެ މަޝްރޫއުތަކާއި، އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ކައުންސިލުން އިސް ނަންގަވައިގެން ކުރެއްވެންހުރި ކަންކަމާ ބެހޭގޮތުން ކައުންސިލްގެ މަޝްވަރާ ހޯއްދެވި އެވެ.