މާލެ ސިޓީގެ ވެކްސިން ސެންޓަރުތަކުގެ ކިއުލައިންތައް ދިގުވެ، އެ ސެންޓަރުތައް ކައިރީ މީހުން ތޮއްޖެހިއްޖެ އެވެ.

މިދިޔަ މަހު އެއްވަނަ ދުވަހު ފުރަތަމަ ޑޯޒް ޖަހަން ފެށިއިރު، ދެވަނަ ޑޯޒް ޖެހުމަށްޓަކައި ފުރަތަމަ ޑޯޒް ޖެހުން މާދަމާ ހުއްޓާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން އެގޮތަށް އިއުލާން ކުރުމާއެކު، މިިދިޔަ ހަތަރުވަރަކަށް ދުވަހު ވެކްސިން ސެންޓަރުތަކަށް ވަނީ ބާރު ބޮޑުވެފައެވެ.

މާލެއާއި ހުޅުމާލޭގެ ސެންޓަރުތަކުގައި މިއަދު ވަރަށް ހެނދުނުއްސުރެ މީހުން ވަނީ ކިއު ހަދާލާފައެވެ. އެއާއެކު މިއަދު އާދަޔާ ހިލާފަށް ކިއުތައް ވަނީ ދިގުވެފައެވެ.

ހުޅުމާލޭ ސެންޓަރުގެ ކިއު ޣާޒީ ސުކޫލާ ހަމައަށް އޮތް އިރު، އެ ސަރަހައްދުގައި ގިނަ މީހުންތަކެއް ވަނީ އެއްވެފައެވެ. އޭގެ އިތުރުން މާލޭގެ ބައެއް ވެކްސިން ސެންޓަރުތަކަށްވެސް ދަނީ އިތުރަށް ބާރު ބޮޑުވަމުންނެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މީހާރު ކިއު ތިބި މީހުންނަކީ ފަހު ވަގުތަށް މަޑު ކުރި މީހުން ކަމަށާއި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ދޮޅުމަހެއްހާ ދުވަސް ކުރިން ހުޅުވާލި ކަމަށެވެ.

އޭނާ ވިދާޅުވީ، މާދަމާއަށްފަހު ފުރަތަމަ ޑޯޒް ޖަހާނީ ކުރިންވެސް ނިންމާފައި އޮތް ގޮތަށް ކަނޑައެޅިފައިވާ ހާއްސަ ފަރާތްކަަށް އެކަނި ކަމަށެވެ.

އެ ފަރާތްތަކަކީ:

  • ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމުގައިވާ އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން

  • ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
  • ބައްޔެއްގެ ސަބަބުން، ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

މިހާތަނަށް ރާއްޖެއިން ޖުމްލަ 198،206 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން 111،695 މީހުންނަކީ ވެކްސިން ޖެހީ މާލެ ސަރަހައްދުގެ ސެންޓަރުތަކުންނެވެ.