14 Mar 2021, 12:04
ނޭޕިޑޯ (މާޗް 14): މިޔަންމާއަށް އިންގިލާބެއް ގެނެސް، އެގައުމުގައި މިހާރު އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް އެގައުމުގައި ބަޣާވާތަށް ފަހު އެކުލަވާލި މަދަނީ ސަރުކާރުން ބުނެފި އެވެ.
މިޔަންމާގެ ބަޣާާވާތް ގަބޫލު ކުރަން ދެކޮޅު ހަދާ ޕާލިމެންޓުގެ މެމްބަރުން ހިމެނޭ ކޮމިޓީއެއް ކަމަށްވާ ސީއާރުޕީއެޗްގެ މަދަނީ ސަރުކާރުގައި އިސްކޮށް ހުންނަވަނީ ޕާލިމެންޓުގެ މަތީގޭގެ ކުރީގެ ރައީސް، މަން ވިން ކަންގް ތަން އެވެ.
އެ ސަރުކާރުގެ ނައިބު ރައީސް ކަމަށް މިދިޔަ ހަފްތާގައި ކަންގް ތަން އައްޔަން ކުރި ފަހުން ފުރަތަމަ ފަހަރަށް އިއްޔެ އޭނާ ވަނީ ތަގުރީރު ކުރައްވާފަ އެވެ. އަދި ފޭސްބުކް މެދުވެރިކޮށް އޭނާ ވިދާޅުވި ގޮތުގައި އެގައުމުން މިހާރު ތަޖުރިބާ ކުރަމުން ދަނީ "އެންމެ އަނދިރި ދުވަސްތައް ކަމަށްވީ ނަމަވެސް ގައުމަށް ފަތިސްވާން ވަނީ ކައިރިވެފަ" އެވެ.
ސީއާރުޕީއެޗްއިން ދަނީ އެ ސަރުކާރަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ސަރުކާރުން ވަނީ ފެޑެރަލް ޑިމޮކްރަސީއެއް ގާއިމު ކުރާނެ ކަމަށް ބުނެ، މިޔަންމާގެ ހަތިޔާރު އެޅި، އެކި ނަސްލުތަކުގެ މީހުން ހިމެނޭ ޖަމިއްޔާތަކާ ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޖަމިއްޔާތަކުން ވަނީ އެ ސަރުކާރަށް ތާއިދު ކުރަން އެއްބަސްވެފަ އެވެ.
"މިއީ [އަސްކަރީ] ހުދުމުހުތާރު ވެރިކަމުގެ ސަބަބުން ތަފާތު އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ ނަސްލުތަކުގެ އަހުންނަށް، ފެޑެރަލް ސަރުކާރެއް ގާއިމު ކުރުމަށްޓަކައި އެއްބައިވާންވީ ފުރުސަތެއް،" ކަންގް ތަން ވިދާޅުވި އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ މަހުގެ އެކެއްގައި ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުން ހޮވުނު ޕާލިމެންޓު މެމްބަރުންގެ ފުރަތަމަ ބައްދަލުވުން އެ ދުވަހު ބާއްވަން ހަމަޖެހިފައި ވަނިކޮށެވެ.
އެ އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ލީޑަރު އަންގް ސަން ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.
އެ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އަސްކަރިއްޔާއިން ތުހުމަތު ކުރި ނަމަވެސް މިނިވަން ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ބަޣާވާތަށް ފަހު އެގައުމުގައި އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އާ އިންތިހާބެއް ބާއްވާނެ ކަމަށް ބުނެފަ އެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރާ ބަޔަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެ ބަޣާވާތަށްފަހު ސޫޗީއާއި އެ ސަރުކާރުގެ އިސް ވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ސޫޗީ ހުންނެވީ ގޭ ބަންދުގައި ކަމަށް އޭނާގެ ވަކީލު ވިދާޅުވި ނަމަވެސް އޭނާ ހުންނެވި ތަނެއް އަސްކަރިއްޔާއިން ހާމަ ނުކުރެ އެވެ.
މިޔަންމާގެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެ މުޒާހަރާތަކުގައި މިހާތަނަށް 70އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިޔާސީ ހައްޔަރީންނަށް އެހީތެރިވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް (އޭއޭޕީޕީ)އިން ބުންޏެވެ.