މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ތިން ކުޅުން ތެރިއަކު މިހަފްތާ ނިމުމުގެ ކުރިން ވިޔަންސާއާ ގުޅޭނެ ކަމަށް އެ ޓީމްގެ ހެޑް ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނެފި އެވެ.

ކޯޗް ފެސްކޯ ބުނީ، ސީޒަނަށް ތައްޔާރުވުމަށް ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ޓީމުން ގެންނަން މަސައްކަތް ކުރި ބިދޭސީ ތިން ކުޅުންތެރިން މިހަފްތާ ތެރޭ ޓީމާ ގުޅޭނެ ކަމަށެވެ. އެ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ލަންކާގެ ފޯވާޑަކާއި ނައިޖީރިއާގެ މިޑްފީލްޑަރެއްގެ އިތުރުން މިދިޔަ އަހަރުވެސް އެޓީމުގައި ހުރި ބިދޭސީ ގޯލްކީޕަރެވެ.

"ޓީމުން ގެންނަން މަސައްކަތް ކުރާ ބިދޭސީ ކުޅުންތެރިންތައް މިހަފްތާ ތެރޭ ޓީމާ ގުޅޭނެ. އެކުޅުންތެރިންގެ ސީވީ ތައް ވަނީ ލިބިފައި. ވަރަށް ގިނަ ކުޅުންތެރިންގެ ސީވީ ވަނީ ލިބިފައި. އެކަމަކު ޓީމަށް ނަގާނީ ތިން ކުޅުންތެރިން،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ، މިއަހަރުގެ ސީޒަނާ ވިޔެންސާއިން ކުރިމަތިލާނީ ހުސްވި އަހަރުގެ ނަތީޖާ ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށާއި އެގޮތުން މިފަހަރުގެ ފުރަތަމަ އަމާޒަކީ ގަދަ ހައެއްގެ ޖާގަ ހޯދުން ކަމަށެވެ.

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލިއިރު، ވިޔަންސާ އޮތީ ސީޒަންގެ އެންމެ ފުލުގައެވެ.

"މިވަގުތު ޓީމާ ގުޅިފައިވާ އާ ކުޅުންތެރިންގެ ކުޅުމާމެދު ހިތް ހަމަޖެހޭ. ޖުމްލަކޮށް ސްކޮޑާ މެދުވެސް ހިތް ހަމަޖެހޭ. ރަނގަޅު ކުޅުންތެރިންތަކެއް ސްކޮޑުގައި އެބަތިބި. ސީޒަންގެ ފުރަތަމަ އަމާޒަކީ ގަދަ ހައެއްގެ ޖާގަ ކަށަވަރު ކުރުން" ފެސްކޯ ބުންޏެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ދެ ކުލަބްކަމަށްވާ ވީބީ އާއި ވިކްޓަރީގެ މެޗުންނެވެ.