ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގު އަދި ޔޫއެފްސީ ފަދަ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ބޮޑެތި ކުޅިވަރު ހަރަކާތްތައް ކޮންމެ ތާކު ހުރެގެން ވެސް ދިރާގުން ތައާރަފު ކޮށްފައިވާ މޮބައިލް އެޕްލިކޭޝަން "ދިރާގު ޕްލޭ" މެދުވެރިކޮށް ފަސޭހައިން ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ތަފާތު ގިނަ ކޮންޓެންޓްތަކަކާ އެކު މިދިޔަ އަހަރު ތައާރަފު ކުރި ދިރާގު ޕްލޭ އަކީ ހަމައެކަނި ލައިވް ޓީވީ ބަލައިލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕުން ޕްރޮގްރާމްތައް ރިކޯޑް ވެސް ކޮށްލެވެ އެވެ. ހަދާން ނެތިގެން ބޭނުންވާ ޕްރޮގްރާމެއް ބަލައި ނުލެވިއްޖެ ހާލަތެއްގައި، އަލުން އެ ޕްރޮގްރާމެއް ބަލައިލެވޭނެ އެވެ. އެއާއެކު ބަލަމުން ގެންދާ ޕްރޮގްރާމެއް ބަލަމުން ދާއިރު، އަލުން އެ ޕްރޮގްރާމްގެ ވަކި ހިސާބަކުން ފަށައިގެން ވެސް ބަލައިލެވޭނެ އެވެ.

ދިރާގު ޕްލޭގައި ހިމެނޭ ތަފާތު ފީޗާތަކުގެ ތެރޭގައި ލައިވް ރެކޯޑިން އާއި ރީސްޓާޓް އާއި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއް ފަހަރާ ބޭނުންކުރުމުގެ އިތުރުން ދިރާގު ވީޑިއޯ އޮން ޑިމާންޑާއި ޓީވީ ޕްރޮގްރާމް ގައިޑް އަދި ކެޗްއަޕް ފީޗާ ހިމެނެ އެވެ.

ދިރާގުން ބުނީ މިއަހަރުގެ ތެރޭގައި އިތުރު އެތައް ޗެނަލެއް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި، ދުވަސްވާ ވަރަކަށް އެޕްލިކޭޝަނަށް އިތުރު ޗެލަންތައް އިތުރު ކުރަމުންދާނެ ކަމަށެވެ. އަދި އެހެންމެ ރާއްޖޭގައި ގިނަ ބަޔަކު ބަލައި، ޔޫރޮޕުގެ ފޯރިގަދަ މެޗުތައް ވެސް ކޮންމެތާކު ހުރެގެން ވެސް ފަސޭހަކަމާ އެކު ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

"ސޮނީ" ގެ ހުރިހާ ޗެނަލެއް މިހާރުވެސް މި އެޕްލިކޭޝަނުން ލިބުނު ނަމަވެސް، ދިރާގު ޕްލޭގެ ކެޗްއަޕް ފީޗާ ސޮނީ ޗެނަލްތަކަށް ހިމަނާފައި ނުވާތީ ޗެމްޕިއަންސް ލީގު މެޗުތައް އެޕްލިކޭޝަން މެދުވެރިކޮށް ސޮނީ ޗެނަލްތަކުން ނުބެލޭނެ އެވެ. އެހެން ނަމަވެސް، ކެޗްއަޕް ފީޗާ ހިމެނޭ ޗެނަލްތައް ދިރާގު ޕްލޭއިން ބަލައިލެވޭނެ އެވެ.

މި އެޕްލިކޭޝަން މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ.

ދިރާގުން އަންނަނީ ދިރާގު ޕްލޭ އަށް އިތުރު ކޮންޓެންޓާއި ޗެނަލްތައް ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ. މި އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.