ވޮޝިންޓަން (މާޗް 14) : އުތުރުކޮރެއާ ގެ ނިއުކްލިޔާ މައްސަލާގައި އެގައުމާއެކު ސިއްރިޔާތުގައި މަޝްވަރާތަކެއް ބޭއްވުމަށް އެމެރިކާއިން ކުރި މަސައްކަތް މިހާތަނަށް ނާކާމިޔާބު ކަމަށް ރޮއިޓާސް ބުނެފިއެވެ.

ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އުތުރުކޮރެއާ ވާހަކަދައްކަން މަސައްކަތްކުރީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ. މިގޮތަށް އެތަށް ފަހަރަކު މަސައްކަތްކޮށްގެންވެސް އުތުރުކޮރެއާ ގެ ފަރާތުން މިހާތަނަށް އެއްވެސް ޖަވަބެއް އަދި ރައްދެއް ނުލިބޭ ކަމަށެވެ.

އުތުރުކޮރެއާ ގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އުތުރުކޮރެއާއެކު އެއްބަސްވުމަކަށް އައެވެ. އުތުރުކޮރެއާގެ ޒައީމް ކިމްޖޮންގް އުން އާއި ޓްރަމްޕް ތިންފަހަރެއްގެ މަތިން ބައްދަލުކުރައްވައި އެއްބަސްވެވަޑައިގެންފައިވަނީ އުތުރުކޮރެއާ އިން ނިއުކްލިޔާ ހަތިޔާރު އުފެއްދުން ހުއްޓާލައި އެގައުމުގައި ހުރި ނިއުކްލިޔާ ހަތިޔާރު ނައްތާލާނަމަ އުތުރުކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މުޅިން ނައްތާލައި އެމެރިކާއިން އުތުރުކޮރެއާ އިގްތިސާދީ ގުޅުންތައް ބަދަހިކޮށް އެމެރިކާގެ ކުންފުނިތަކުން އުތުރުކޮރެއާގައި އިގްތިސާދީ ގޮތުން އިންވެސްޓް ކުރުމަށެވެ.

މިކަން ނާކާމިޔާބުވީ އެއްބަސްވިގޮތަށް އަމަލުކުރުމަށް އެމެރިކާ ފަސްޖެހުމާއެކު އެމެރިކާގެ އިތުބާރު އުތުރުކޮރެއާއަށް ގެއްލުމުންނެވެ. އެމެރިކާ ބޭނުންވީ އެމެރިކާއިން އުތުރުކޮރެއާއަށް އިގްތިސާދީގޮތުން އެއްވެސް ދުލެއްނުދީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އުވާނުލައި ފުރަތަމަވެސް އުތުރުކޮރެއާއިން ނިއުކްލިޔާ ހަތިޔާރު އެއްކޮށް ނައްތާލައި ނިއުކްލިޔާ އިންފްރާސްޓްރަކްޗަރ ރޫޅާލުމަށެވެ. އުތުރުކޮރެއާއާއި އެމެރިކާއިން އެއްވަގުތެއްގައި އެއްގައުމު އަނެއްގައުމު ބޭނުންވާގޮތަށް ދޫ ދިނުމަށް އެމެރިކާ ދެކޮޅު ހެދިއެވެ. މިކަމުގެ ސަބަބުން ޓްރަމްޕާއި ކިމްގެ އެއްބަސްވުން ރޫޅިގެން ދިޔައީއެވެ..

އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލާގައި އެގައުމާއެކު ސިއްރިޔާތުގައި ވާހަކަދެއްކުމަށް އެމެރިކާކުރި މަސައްކަތް ނާކާމިޔާބުވުމަކީ އުތުރުކޮރެއާގެ ކުރިމަތީގައި އެމެރިކާގެ އިތުބާރު ގެއްލިގެންގޮސްފައިވުން ކަމަށް ރޮއިޓާސް އިންވަނީ ސިފަކޮށްފައެވެ. އުތުރުކޮރެއާއިން އެމެރިކާ ސިފަކުރަނީ އެގައުމަށާ އަދި އިރުމަތީ އޭޝިއާ ސަރަހައްދަށް އޮތް އެންމެ ބޮޑު ބިރުގެ ގޮތުގައެވެ.

އުތުރު ކޮރެއާގެ ސިޔާސަތުތައް ހާމަކުރާ އެގައުމުގެ ރަސްމީ ނޫސްއޭޖެންސީން ދާދު ފަހުން ބުނެފައިވަނީ އެމެރިކާއިން ގައުމުތަކަށް ބިރުދައްކައިގެންނާއި ދަތިކުރުމުގެ ފިޔަވަޅު އަޅައިގގެން ކަންކަން ކުރުމުގެ ސިޔާސަތު ދޫނުކޮށްލާހާ ހިނދަނި އެމެރިކާއާ ވާހަކަ ނުދައްކާނެ ކަމަށެވެ.

އުތުރުކޮރެއާއިން 80 އަށްވުރެގިނަ ނިއުކްލިޔާ ހަތިޔާރު އުފައްދައި އެތަކެތި ރައްކާކޮށްފައިވާއިރު އުތުރުކޮރެއާއަކީ އެމެރިކާގެ ބައްރަށް ސީދާ ގޮތެއްގައި ހަމަލާދެވޭވަރުގެ ނިއުކްލިޔާ ސްޓްރެޓީޖިކް މިސައިލްވެސް އުފައްދާފައިވާ ގައުމެކެވެ. އެހެންކަމުން އުތުރުކޮރެއާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށުމަކީ އެކަމުގެ ސަބަބުން އެމެރިކާގެ ބޮޑު ބައެއްވެސް ފަނާވެގެންދާނެކަމެއް ކަމުން އެއީ އެމެރިކާއަށް ކުރަން ކެރޭނެކަމެއް ނޫނެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އުތުރުކޮރެއާއަށް ކުރިނަމަވެސް އެކަމުގެ ސަބަބުން އެގައުމުގެ ވެރިކަމުގެ ނިޒާމު އިނދަޖެހިފައެއް ނުވެއެވެ. އަދި އެއީ ޗައިނާ އޮތްހާ ހިނދަކު ކުރެވޭނެ ކަމެއްވެސް ނޫނެވެ. (ނޫސްއެޖެންސީތައް)