04 Feb 2012, 15:12
ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ ލިމިޓެޑް އޯވާ ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު ތިން ވަނަ މެޗް މާލޭ ސްޕޯޓްސްއިން ކާމިޔާބު ކޮށްފި އެވެ.
ކުޅިވަރު އެކުވެނީ އެއް ނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު މެޗް މާލޭ ސްޕޯޓްސް އިން ކާމިޔާބު ކުރީ ބީޖީ ސްޕޯޓްސް ކުލަބާ ބައްދަލުކޮށް ތިން ވިކެޓުން ނެވެ.
ޓޮސް ދިމާވެގެން އިއްޔެގެ މެޗުގައި ބީޖީން ކުޅެންއަރާ 25 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު އެޓީމަށް ހެދުނީ 135 ލަނޑެވެ. އަދި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑުހެދި އިބްރާހިމް ނަޝާތުއާއި 22 ލަނޑު ހެދި ޖިލްވާޒް ރަސީދެވެ. އަދި މިއިނިންގްސްގައި އަބްދުﷲ ޒިޔާދާއި މުހައްމަދު މަބްރޫކް، ކޮންމެ އުކުންތެރިއެއް ތިންވިކެޓް ނެގިއެވެ.
ޖަވާބުގައި އިއްޔެގެ މެޗް ކާމިޔާބު ކުރި، މާލޭ ސްޕޯޓްސް ކުޅެންއަރާ 29 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 136 ލަނޑު ހެދިއެވެ. އަދި މެޗުގައި މާލޭ ސްޕޯޓްސްއިން އެންމެ ރަނގަޅަށް ކުޅުނީ 50 ލަނޑުހެދި ހާޒިގުއާއި 37 ލަނޑުހެދި އީސާ ސާދާތުއެވެ. އަދި މިއިނިންގްސްގައި އަހުމަދު ޔާނިސް ހަތަރު ވިކެޓްނަގައި ދިނެވެ.
މުބާރާތުގައި މިއަދު ބައްދަލުކުރާ ދެ ޓީމަކީ އޮފް އެފް ސީއާއި ވެސްޓް ސްޕޯޓްސް އެވެ.