13 Mar 2021, 22:25
ގިނަ ދުވަސްތަކަށްފަހު، ކޮވިޑް ކޭސްތައް 100އިން ތިރިއްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަދު ރާއްޖެއިން 94 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 20 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 114 އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،626 ސާމްޕަލް އިން ގިނަ މީހުން ޕޮޒިޓުވްވެފައި ވަނީ މާލޭ ސިޓީންނެވެ. އެގޮތުން މާލޭ ސިޓީން 65 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅު ތެރެއިން 14 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 21،476އަށް އަރާފަ އެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 187 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 18،967 އެވެ.
މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،438 އެވެ. އޭގެ ތެރެއިން 136 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 64 އެވެ.
މިއަދު ރާއްޖޭގެ ކޭސްތައް 100އިން ތިރިވި އިރު، އެންމެ ފަހުން 100އިން ކޭސްތައް ތިރިވެފައިވަނީ މިމަހުގެ ހަ ހަވަނަ ދުވަހު އެވެ.
ކޮވިޑުން ދިފާއުވުމަށް މިއަދު ރާއްޖޭގައި 9،770 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން 5،859 މީހަކާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 3،911 މީހެކެވެ. މިއާއެކު ޖުމްލަ މިހާތަނަށް 198،000 އަށްވުރެ ގިނަ މީހުން ވަނީ މުޅި ރާއްޖެއިން ވެކްސިން ޖަހާފަ އެވެ.