އެއްމަސްދުވަހަށްފަހު، އައްޑޫ ސިޓީގެ މޮނީޓަރިންގެ ހާލަތު އުވާލައިފި އެވެ.

އައްޑޫ ސިޓީން ކޮވިޑް ކޭސްތައް ފެނިގެން އެސިޓީ މޮނީޓަރިން ހާލަތައް ގެނެސް، ވަގުތީ އަރާފޭބުން މަނާކުރީ މިދިޔަ ފެބްރުއަރީ މަހު ހަވަނަ ދުވަހުއެވެ.

ޑިރެކްޓާ ޖެނެެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު މިރޭ ނެރުނު އެންގުމުގައި ބުނީ، އައްޑޫސިޓީގައި މޮނީޓަރިންގެ ހާލަތު އިތުރަށް ދިގު ދަންމަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން މިރެއިން ފެށީގެން އެސިޓިގެ މޮނީޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

އެޗްއީއޯސީން ބުނި ގޮތުގައި އެ ސިޓީން ނެގި ހުރިހާ ރޭންޑަމް ސާމްލައެއް ވަނީ ނެގަޓިވްވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ އާންމު ކުރި އެ ސިޓީގެ ކޮވިޑް ތަފާސް ހިސާބުތައް ދައްކާގޮތުން 4،889 ސާމްޕަލްއިން 92 މީހަކު ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 86 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، ހަ މީހުންނެވެ.