13 Mar 2021, 22:13
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނައިބު ރައީށް ފައިސަލް ނަސީމްގެ ތާއީދު އޮތީ އެމްޑީޕީއަށް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ނަސީމާއި ރައީސް ނަޝިދު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ.
ދެބޭފުޅުން ބައްދަލު ކުރެއްވި ފޮޓޯއާއެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ނައިބު ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއެކު ކަމަށެވެ. އަދި އެއީ، އެމަނިކުފާނު ރާއްޖެއަށް ހެޔޮއެދިވަޑައިގަންނަވާ ކަމުގެ ދަލީލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ޓްވީޓް ޝެއާކުރައްވައި، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރައީސް ނަޝީދާ ބައްދަލުވުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ކުރިއަށްގޮށް "އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ނައިބު ރައީސް ފައިސަލް ނަސީމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީންވެސް ބައެއް ގޮނޑިތަކަށް ވާދަ ކުރެއެވެ.