04 Feb 2012, 15:05
އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކަށާއި، އެމްއެންބީސީ އާއި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ހަމަލާ ދެމުންދާ ކަމަށާއި، އިދިކޮޅު ފަރާތަކުގެ އެ އަމަލަކީ އިންސާފުގެ މަގަށް އެ ޕާޓީން ފަށާފައިވާ ދަތުރަށް ހުރަސް އަޅަން ކުރަމުންގެންދާ ކަމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތަކުގައި އެ ޕާޓީގެ އޮފީހަށާއި، ޔޫތު މިނިސްޓަރު ހަސަން ލަތީފްގެ ގެ ކޮޅަށާއި، އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީގެ މުދަލަށާއި، އޭނާގެ އާއިލާގެ ބޭފުޅެއްގެ ގެއަށާއި އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މުދަލަށް ގެއްލުން ދެމުންދާ ކަމަށާއި އެ ކަމަކީ ދުރާލައި ރާވައިގެން ހިންގާފައިވާ "ރަހުމްކުޑަ" އަނިޔާވެރި އަމަލުތަކެއް ކަމަށެވެ.
އެ ފަރާތަކުގެ މުދަލަށް ގެއްލުން ދިނުމަކީ "ސިޔާސީ ގޮތުން ފުންނާބު އުސް ޝަޚްސިއްޔަތުތަކަށް ރަހުމްކުޑަ، ނާތަހުޒީބު ހަމަލާ ދިނުން" ކަމަށް ސިފަކޮށް އެމްޑީޕީން ބުނީ އެފަދަ އަމަލުތަކަކީ ވަރަށް މަދުން ނޫނީ ބައިނަލް އަގުވާމީ ދުނިޔޭގައި ވެސް ނުފެންނަ، ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖެއިން އެފަދަ އަމަލުތައް ފެނުމަކީ އެ ޕާޓީން ލަދުވެތިވެ، ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި، އެފަދަ އަމަލުތަކަށް ހިއްވަރުދޭ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ވެސް އެޕާޓީން ވަނީ ގޮވައިލައްވާފަ އެވެ.
"ސިޔާސީ ގޮތުން ފުންނާބު އުސް މިފަދަ ޝަޚްސިއްޔަތުތަކަށް ރަހުމްކުޑަ، ނާތަހުޒީބު ހަމަލާ ދިނުމަކީ ވަރަށް މަދުން ނޫނީ ބައިނަލް އަޤްވާމީ ދުނިޔޭގައި ވެސް ނުފެންނަ، ދަށު ދަރަޖައިގެ ކަމަކަށް ވީ ހިނދު، ރާއްޖެއިން މިފަދަ ނާތަހުޒީބު އަމަލުތައް ފެނުމަކީ މި ޕާޓީން ނުހަނު ލަދުވެތިވެ، ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނަނީ އިދިކޮޅު ފަރާތްތަކުގެ އަމާޒު ފަތްގަނޑަކަށް މިޑިއާ ހަދައި، ޚާއްސަކޮށް އެމްއެންބީސީ އާއި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހަމަލަދެމުން ގެންދާކަން ކަމަށާއި އެކަމާއި އެޕާޓީން ހިތާމަކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުގެ އަމާޒު ފަތްގަނޑަކަށް މިޑިއާ ހަދައި، މީޑިއާގެ އެކި ފަރާތްތަކަށް، ޚާއްސަކޮށް އެމްއެންބީސީ އާއި ރާއްޖެ ޓީވީގެ ޖާނަލިސްޓުންނަށް ހަމަލަދެމުން ގެންދާކަން މި ޕާޓީން ހިތާމައާއި ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،"އެމްޑީޕީގެ ނޫސްބަޔާންބުނެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނަނީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކަކީ އެ ޕާޓީން ޝަރުއީ ދާއިރާ މިނިވަންކުރުމަށް ފަށާފައިވާ "އިންސާފުގެ ދަތުރަށް" ހުރަސްއަޅައި އެބޭފުޅުންނަށް ބިރުދެއްކުމަށް ގަސްދުގައި، ރާވައިގެން ހިންގަމުން ގެންދާ ނާތަހުޒީބު، ފިނޑި އަމަލުތަކެއް ކަމަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ "ހީލަތްތެރި" ރޭވުމުގެ ދަށުން އެ ފަދަ ފިނޑި އަމަލުތައް، ތަކުރާރުކުރަމުން ދިޔަނަމަވެސް ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކުރުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތަށް، ކުޑަވެސް ލޮޅުމެއް ނާންނާނެ ކަމަށެވެ.
އިންސާފުގެ މަގަށް އެ ޕާޓީން ފަށާފައިވާ ދަތުރަކީ ނާމާން، އުނދަގޫ ދަތުރެއް ކަމަށާއި، ކިތަންމެ "ގަދަ ވަޔާއި ވިއްސާރަ" ބޯމަތިވި ނަމަވެސް ވަރުބަލިވުމެއް، މަޑުޖެހުމެއްނެތި، އެ ދަތުރު ފުރިހަމަކޮށް، އަމާން ބަނދަރަކަށް ރާއްޖެ ވާސިލްކޮށްފައި ނޫނީ އެ ދަތުރު، ހުއްޓާ ނުލާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.