ވޮޝިންޓަން (މާޗް 13) : އިރުމަތީ އޭޝިއާ އާއި އިންޑިއާ ކަނޑުގައި ޗައިނާ ހިސާރު ކުރުމުގެ ރޭވުމުގެ ދަށުން އެމެރިކާ އިސްވެ އޮވެގެން އިއްޔެ ބޭއްވި ސަމިޓް ކާމިޔާބު ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޭކް ސުލިވަން ވިދާޅުވެއްޖެ އެވެ.

ސްލިވަން ވިދާޅުވީ މިއީ ޗައިނާ ދުނިޔޭގެ ސްޕަޕަވަރެއްގެ ގޮތުގައި ފާޅުވަމުންދާ ދިޔުމާ ގުޅިގެން އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ކުރިމަތިވާ އަސްކަރީ، ސަލާމަތީ، ޓެކްނޮލޮޖީ އަދި އިގްތިސާދީ ބޮޑެތި ގޮންޖެހުންތެކާ ކުރިމަތިލުމުގެ ގޮތުން ސަރަހައްދުގެ ގައުމުތަކާއި އެމެރިކާ ގުޅިގެންކުރާ މަސައްކަތްތައް ވިލަރެސް ކުރުމަށް ބޭއްވި ސަމިޓް ބައްދަލުވުމެއް ކަމުގަ އެވެ. ވާޗުއަލްކޮށް ބޭއްވި މިބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ޗައިނާ ހިސާރު ކުރުމަށް އެމެރިކާ އިސްވެއޮވެގެން އުފައްދާފައިވާ ކުއެޑް ގްރޫފްގައި ހިމެނޭ ތިން ގައުމު ކަމަށްވާ އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ގެ ބޮޑުވަޒީރުންނާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ.

ޗައިނާގެ އެހީތެރިކަމަށް އިންޑިއާ އެދެންނުޖެހޭ ފެންވަރަށް އިންޑިއާއަށް އެހީތެރިވެދިނުން

މިސަމިޓްގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ޗައިނާގެ އެހީތެރިކަމަށް އިންޑިއާ އެދެން ޖެހޭ ފެންވަރަށް އިންޑިއާގެ ކަންކަންތައް ތަރައްގީކުރުމުގައި އިންޑިއާއަށް އެހީތެރިވެދިނުން ހިމެނޭކަމަށް ސްލިވަން ވިދާޅުވި އެވެ. އިންޑިއާއަކީ ޓެކްނޮލޮޖީއާއި އިންފްރާސްޓްރަކްޗާ އާއި އުފެއްދުންތެރިކަމާއި ލޯންފަދަ ކަންކަމުގައި ޗައިނާގެ އެހީއަށް އެދެން ޖެހޭ ހާލަތުގައި އޮތް ގައުމަކަށްވުމަކީ ޗައިނާއާ ކުރިމަތިލުމުގައި އިންޑިއާ ކުރިޔަށް ނެރުމަށާއި އެމެރިކާ ބޭނުންވާ މިންވަރަށް ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އިންޑިއާ ނުކުޅެދޭ މައިގަނޑު ސަބަބެކެވެ.

ޖޭކް ސްލިވަން

ޗައިނާއާ އިދިކޮޅު ސަމިޓްގައި މަޝްވަރާކުރި އެހެން މައުޟޫއުތަކުގެ ތެރޭގައި މިޔަންމާގެ އަސްކަރީ އިންގިލާބުގެ މައްސަލަ އާއި އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ އާއި ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ހިމެނެ އެވެ. އިތުރުވަމުންދާ ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ބާރުގެ ސަބަބުން ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަމަށް ޗައިނާ ހުރަސްއަޅާފަނެކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރެ އެވެ.

ޗައިނާ ކުރިމަތިލުމަށް އެމެރިކާ ބޭނުންކުރަނީ އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ

ޗައިނާ ކުރިމަތިލުމަށް އެމެރިކާ ބޭނުންކުރަނީ ޗައިނާއާ އަވަށްޓެރި ގައުމުތަށް ކަމަށްވާ އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ މިތިން ގައުމެވެ. މި ގްރޫޕްގެ ތެރެއަށް ވަނުމަށް ދެކުނު ކޮރެޔާ ފަސްޖެހިފައިވާ އިރު ސްރީލަންކާ ވަނީ ކަނޑައެޅިގެން ދެކޮޅު ހަދައިފަ އެވެ. ޗައިނާއާ މުއާމަލާތް ކުރުމުގައި ސްރީލަންކާ ސަރުކާރުން އަމަލުކުރަން ޖެހޭގޮތް އެމެރިކާ ވެސް އަދި އެހެން ގައުމަކުން ވެސް ބުނެދޭން ނުޖެހޭނެކަން ސްރީލަންކާގެ ޚާރިޖީ ވަޒީރު ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ އަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަރަށް ސަރީހަކޮށް ދަންނަވައިފަ އެވެ.

ޗައިނާއާ ކުރިމަތި ލުމަށްޓަކައި އިންޑިއާއާއެކު އެމެރިކާ ސޮއިކުރި އެއްބަސްވުންތައް

ޗައިނާއާ ކުރިމަތިލުމުގެ އިސްސަފަށް އިންޑިއާ ނެރުމަށްޓަކައި މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އިންޑިއާއަށް ވަޑައިގެން އިންޑިއާއެކު ޖާސޫސީ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. ޖާސޫސީ މި އެއްބަސްވުން ބިނާވެފައި ވަނީ ޖިއޯ ސްޕެޝަލް އިންޓެލިޖެންސް ނުވަތަ ޖިއޮގްރަފިކަލް ގޮތުން ގައުމު އޮންނަ ލޮކޭޝަނުން ޖާސޫސީ މައުލޫމާތު (އެއަރޯނޮޓިކަލް ޑޭޓާ) ފޯރުކޮށްދިނުމުގެ މައްޗަށެވެ.

މީގެ އިތުރުން އަސްކަރީ ކަންކަމަށް ބޭނުންވާ ޗާޓުތަކާ، ސެޓެލައިޓް ފޮޓޯތައް އެއްގައުމު އަނެއް ގައުމާ ހިއްސާކުރުމާއި ޖާސޫސީ މަތިންދާބޯޓުތަކާއި ޑްރޯން ފަދަ ތަކެތި ވައިގެ ތެރޭގައި އުދުހިގެން ހޯދާ މައުލޫމާތު ހިއްސާކުރުން ވެސް ޖާސޫސީ އެއްބަސްވުމުގައި ހިމެނެ އެވެ.

އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ ޖާސޫސީ އަދި ޑިޕްލޮމެޓިކް ހަރަކާތްތަކުގެ މައިގަނޑު ބައިވެރިއަކަށް އިންޑިއާ ހެދުމަކީ މިއެއްބަސްވުމުން ހާސިލްކުރަން އެމެރިކާ ބޭނުންވާ މައިގަނޑު މަގްސަދެވެ. އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާ ޗައިނާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ދަށުން އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ ހިމެނޭ ގޮތަށް އެމެރިކާ ވަނީ ކުއެޑް ގްރޫޕްގެ ނަމުގައި އެލަޔަންސެއްވެސް މިދިޔަ އަހަރު އުފައްދާފަ އެވެ.

އެމެރިކާގެ މަސައްކަތްތައް ކާމިޔާބުވުން ވަރަށް ދުުރު

ޗައިނާ އާ ކުރިމަތި ލުމަށްޓަކައި އެމެރިކާއިން އެގައުމުގެ ދިފާއީ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ކަނޑައެޅީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2016 ވަނަ އަހަރުގަ އެވެ. ޖާސޫސީ އެއްބަސްވުމުގެ އިތުރުން އެމެރިކާ ވަނީ 2016 ވަނަ އަހަރު "ލެމޯއާ" ނަމަކަށްކިޔާ އިތުބާރާ ބެހޭ އެއްބަސްވުމެއްގައި ވެސް އިންޑިއާއާ އެކު ސޮއިކޮށްފަ އެވެ. އަދި 2018 ވަނައަހަރު އެމެރިކާ ވަނީ "ކޮމްކާސާ" ނަމަކަށްކިޔާ އަސްކަރީ އެއްބަސްވުމެއްގައި ވެސް އިންޑިއާއާއެކު ސޮއިކޮށްފަ އެވެ.

ދުނިޔޭގެ މުސްތަގްބަލް އޮތީ އިގްތިސާދާއި ވިޔަފާރިއާ އަދި އުފެއްދުންތެރިކަމުގެ މައްޗަށެވެ. އަސްކަރީ ވާދަވެރިކަމާއި ހަތިޔާރުގެ ސިނާއަތުގެ މައްޗަކަށް ނުނެވެ. އިގްތިސާދާއި ވިޔަފާރިއާއި އުފެއްދުންތެރިކަމުގައި އެމެރިކާއަށް ވުރެ ޗައިނާ މާ ކުރީގައި އުޅޭތީއާއި ޗައިނާގެ ބެލްޓް އެންޑް ރޯޑު މަޝްރޫއުގެ ސަބަބުން ސަރަހައްދުގެ ގައުމުތަކަށް މަބޮޑެތި ފައިދާތަކާއި އެހީަތއް ލިބެމުންދާތީ މަދުގައުތަކެއް ގޮވައިގެން އަސްކަރީ ގޮތުން ޗައިނާއާ ދިމާކުރަން އެމެރިކާ ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެކަމަށް މުހައްލިލުންނާ ހަވާލާދީ އެމެރިކާގެ މަޖައްލާ އެއްކަމަށްވާ ފޮރިން ޕޮލިސީ ހިމެނެ އެވެ. (ފޮރިން ޕޮލިސީ + ނޫސްއެޖެންސީތައް)