12 Mar 2021, 23:53
ކަރަންޓީންގައި ތިބި ބަޔަކާ ކޮންޓެކްޓްވި ބަޔަކު ޕޮޒިޓިވްވެގެން ނ. ޅޮއްސަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.
ޅޮހީ ކައުންސިލް ނައިބު ރައީސް ފާތުމަތު ނައީމާ މިރޭ "ސަން" އަށް ވިދާޅުވީ، ފުރަތަމަ އެރަށުން ޕޮޒިޓިވްވީ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްއިން ޕޮޒިޓިވްވި ތިން މީހުން ކަމަށެވެ. އޭގެ ފަހުން އެ ތިން މީހުންނާ ކަރަންޓީންގެ މުއްދަތުގައި ކޮންޓެކްޓްވި ތިން މީހަކު މިރޭ ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލެއިން ރަށަށް އައިސް ކަރަންޓިންގައި ތިބި ތިން މީހަކު 10 ދުވަހުގެ ކަރަންޓީންގެ މުއްދަތު ނިންމައި ނެގި ސާމަޕަލް އިން ޕޮޒިޓިވް ވަނީ. އެ ބޭފުޅުން ކަރަންޓީންގައި ތިބި އިރު، އެބޭފުޅުންނާ ކޮންޓެކްޓްވި އާއިލީ ފަރާތުގެ ތެރެއިން ތިން ފަރާތެއް މިއަދު ސާމްޕަލް ނަގައިގެން މިރޭ ރިޒަލްޓް ލިބުނު އިރު ޕޮޒިޓިވްވެފައި ވަނީ،" ނައީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަރަންޓީންގައި ތިބި މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެމީހުންނާ ކޮންޓެކްޓްވި ފަރާތްތައް ރޭގެ ވަގުތެއްގައި ކަރަންޓީން ކުރި ކަމަށެވެ.
އެ ކޭސްތަކާ ގުޅިގެން އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް، ވަގުތީ ގޮތުން އަރާ ފޭބުން މަނާކޮށްފައެވެ.
ޅޮހީ މޮނީޓަރިން ހާލަތަށް ގެނައި އިރު، އދ. ފެންފުށިވެސް މިރޭ ވަނީ މޮނީޓަރިން ހާލަތައް ގެނެސްފައެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫކްލިނިކަށް ޑޮކްޓަރަށް ދެއްކި އަންހެނެކެވެ. އޭނާއަކީ ކަރަންޓީންގައި ހުރި އަދި އެއްވެސް ރަށަކަށް ދަތުރުކުރި މީހެއްވެސް ނޫނެވެ.