އަތޮޅުގެ ތަކުގެ ސްކޫލްތަކަށް 2009 ވަނަ އަހަރު ފޮނުވާފައިވާ ފައިސާއިން 39 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއި ހިލާފަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ކުރެއްވުމަށްފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއް ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ސޮއިކުރައްވާ ނެރުއްވާފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ 2010 ވަނަ އަހަރުގެއޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2009 ވަނަ އަހަރު ނިޔަލަށް އަތޮޅުތަކުގައިވާ ސްކޫލްތަކުގެ ބަޖެޓް ހަރަދަށް ފޮނުވި ފައިސާގެ ތެރެއިން ޖުމްލަ 39،071،220ރ. (ތިރީސް ނުވަމިލިޔަން ހަތްދިހަ އެއްހާސް ދުއިއްސައްތަ ވިހި ރުފިޔާ) 2010 ދިހަ ވަނަ އަހަރު ހަރަދު ކޮށްފައިވާއިރު އެހަރަދުތައް އެޑިއުކޭޝަންގެ މާލީ ބަޔާނުގައި ހިމަނާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ މިނިސްޓްރީގެ އެންގުމުގެ ދަށުން ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އޭރުގެ ޕްރޮވިންސް އޮފީސްތަކުގައި ގާއިމްކޮށްފައިވާ އެޑިއުކޭޝަން ޔުނިޓްތަކުގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށް، ސްކޫލްތަކުގެ ކްލާސްރޫމްތައް އިމާރާތްކުރުމާއި މަރާމާތު ކުރުމާއި، ފަރުނީޗަރު ހޯދުމާއި މެޝިނަރީ ހޯދުމާއި އަދި ފައިސާ ނުދައްކާހުރި ބިލްތަކަށް ފައިސާ ދެއްކުމަށް ވެސް ހަރަދުކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައިވެ އެވެ.

މިފައިސާއަކީ 2010 ވަނަ އަހަރު އެޑިއުކޭޝަނުން ކުރަން ކަނޑައެޅިފައިވާ ހަރަދަކަށް ނުވާއިރު ވެސް އެފައިސާ ބޭނުން ކުރުމުގެ ހުއްދަދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރަކަށް އޭރުގައި ހުންނެވި މުސްތޮފާ ލުތުފީ ދެއްވާފައިވާކަން އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.

މީގެއިތުރުން އަތޮޅުތަކުގެ ސްކޫލްތަކަށާއި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ އެހެނިހެން އިދާރާތަކުގެ ބަޖެޓް ހަރަދަށް އެޑްވާންޝަށް ފޮނުވާ ފައިސާ ހަރަދު ނުވަނީސް ހަރަދުވެފައިވާ ފައިސާގެ ގޮތުގައި ރެކޯޑްކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން އަތޮޅުތަކަށް 2010 ވަނަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ފޮނުވި ފައިސާގެ ތެރެއިން ޖުމްލަ 42،135،710ރ. (ސާޅީސް ދެމިލިއަން އެއްލައްކަ ތިރީސްފަސްހާސް ހަތްސަތޭކަދިހަ ރުފިޔާ) 27 ޖެނުއަރީ 2011 ގެ ނިޔަލަށް ހަރަދުނުވެ ސްކޫލްތަކުގެ ބަޖެޓް އެކަންޓްތަކުގައި ބެހެއްޓިފައި ހުރި ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެފައިސާ އެމިނިސްޓްރީގެ މާލީ ބަޔާނުގައި ހިމަނާފައިނުވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރީން 2009 ވަނަ އަހަރު ހޯދާފައިވާ ބައެއް ހިދުމަތްތަކުގެ ބިލްތަކަށް 2010 ވަނަ އަހަރުގެ ބަޖެޓުން 2،746،301ރ. (ދެމިލިޔަން ހަތްލައްކަ ސާޅީސްހަހާސް ތިންސަތޭކަ އެއް ރުފިޔާ) ހަރަދުކޮށްފައިވާއިރު މިނިސްޓްރީން ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ބައެއް ކޯޑްތަކުން ނޫން އެހެން ކޯޑްތަކުން 938،677ރ (ނުވަލައްކަ ތިރީސްއަށްހާސް ހަސަތޭކަ ހަތްދިހަ ހަތް ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.

އަދި އަތޮޅުތަކުގެ ބައެއް ސްކޫލްތަކަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މުހިއްބުއްދީން ސްކޫލަށް ފާއިތުވި 16 އަހަރު ދުވަސް ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 815،134ރ. ޖަމާކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓް ބުނެ އެވެ.

މީގެއިތުރުންވެސް އެޑިއުކޭޝަން މިނިސްޓްރީން މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައިވާ އެތައް ކަމެއް ފާހަގަކޮށްފައިވާ އެރިޕޯޓްގައި ބުނެފައިވަނީ 2010 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީއަށް ދައުލަތުގެ ބަޖެޓުން ދީފައިވާ ބަޖެޓް ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ހަރަދުކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް އަދި ބެޖެޓްގައި ކަނޑައެޅިފައިވާ ކަންތައްތަކަށް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.