12 Mar 2021, 23:12
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ކަރަންޓީނު ނުވެ މާލެ އިން ރަށްރަށް ދެވޭ ގޮތަށް އެކުލަވާލި އުސޫލު އެޗްޕީއޭ އިން މިރޭ ބާތިލްކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ވަނީ އެ އުސޫލު ބާތިލް ކުރީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކަމަށެވެ.
އެ އުސޫލާ ގުޅިގެން ގިނަ ބަޔަކު ވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށާއި އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ކެމްޕެއިންނަށް މާލެއިން ނުވަތަ މޮނީޓަރިން ހާލަތުގައިވާ ރަށަކުން އެހެން ރަށަކަށް ކަރަންޓީނާ ނުލާ ދެވޭ ގޮތަަށް އުސޫލު ބަދަލު ކުރީ ރޭގައެވެ. އެ އުސޫލު އެގޮތަށް ބަދަލު ކުރީ، ކުރިން އުސޫލު އޮތް ގޮތުން އިންތިހާބުގައި ކެމްޕެއިން ކުރުމަށް ފުރުސަތު ނެތް ކަމަށް ބުނެ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.
އުސޫލު ބަދަލު ކުރީ 72 ގަޑި އިރުގެ ކޮވިޑް ސާމަޕަލް ނެގަޓިވް ނަތީޖާއާއެކު ފަސް ދުވަހަށްވުރެ ދިގު ނުވާނެ ގޮތަށް ކަރަންޓިންއާ ނުލާ ރަށްރަށަށް ދެވޭ ގޮތަަށެވެ.