12 Mar 2021, 20:06
މިއަދު އެމްޑީޕީން ހުޅުމާލޭގައި ސިޔާސީ ހަރަކާތެއް ބޭއްވުމުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް އިން އެޗްޕީއޭއަށް ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.
މިއަދު އެމްޑީޕީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ގިނަ މީހުން އެއްކޮށްގެން ޖަގަހައެއް ހުޅުވާފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުން ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައިި އެއްފަހަރާ ފަސް މީހުން އެއްތަނަކަަށް އެއްވުމަކީ މަނާކަމެކެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، "ސަން"އާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އެއްވެސް ވަރަކަށް ސިޔާސީ ހަރާކާތް ހިންގުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން ގައިޑްލައިނާ ހިލާފަށް އެއްވުންތައް ބޭއްވޭތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މާ ގިނަ މީހުން އެއްކުރާ ޕާޓީއެއް ނޫން އެމްޑީޕީއަކީ. އެކަމަކު ފަސް މީހުންނަށްވުރެ ގިނަ މީހުން އެތާގައި އެބަތިބި. 50 އަށްވުރެ ގިނަ މީހުން އެއްވެގެންތިބި އިރު، އެޗްޕީއޭ ކޮބައިތޯ،" އެމްޑިޕީގެ ރައީސް މުހައްމަދު ނަޝިދާއި އެ ޕާޓީގެ އިސް ފަރާތްތަކުން ބޭއްވި އެއްވުމާ ގުޅިގެން ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ހަރަކާތުގެ ތެރެއިން
އޭނާ ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެއްވެސް ކަމެއް ކުރުމަށް މިއަދު އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.
"ސިޔާސީ ހަރަކާތެއް މި ހިންގެނީ ހަމައެކަނި އެމްޑީޕީއަށްތޯ. ޕީޕީއެމް، ޕީއެންސީއަކަަށް މިއަދު ނެތް އެއްވެސް ފުރުސަތެއް ސިޔާސީ ގޮތުން ހަރަކާތެރިވެވޭވަކަށް،" ޝިޔާމް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ، ގައިޑްލައިންއާ އެއްގޮތަށް އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލަން މަގުމައްޗަށް ނުކުންނަށް އިދިކޮޅުންވެސް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ފުލުހުން އެ ފުރުސަތު ނުދޭ ކަމަށެވެ.
"ކީއްވެގެންހޭ ހުޅުމާލޭގައި އެމްޑީޕީން ހާމަކަން ބޮޑު ގޮތެއްގައި އެފަދަ އެއްވުމެއް ބޭއްވި އިރު އެކަން ނުހުއްޓުވީ. އަޅުގަނޑު ސުވާލު ކޮށްލަން ބޭނުން މައިމޫނާ އަބޫބަކުރަަށް [ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް]އަށް އެ މަންޒަރު ނުފެންނަނީތޯއޭ،" ޝިޔާމް އިތުރަށް ސުވާލު އުފެއްދެވިއެވެ.
އިދިކޮޅު މުޒާހަރާތަކަކީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފް ހަރަކާތެއް ކަމަަށް ބުނެ ފުލުހުން ވަނީ އެ މުޒާހަރާތަކަށް ޖާގަ ނުދޭނެ ކަމަށް ބުުނެފައެވެ. އަދި މުޒާހަރާތަަކާ ދިމާކޮށް، ފުލުހުން އަންނީ ޕީޕީއެމް އޮފީސް ހުންނަ މަގު ބަންދުކުރަމުންއެވެ. އެހެން އެކަން ކުރާތީ، އެކަން ހުއްޓުވުމަށް އިދިކޮޅުން މިހާރު ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ.
ޕީޕީއެމްގެ މުޒާހަރާތަކުގެ ބައެއް ބައިވެރިން ހައްޔަރުކޮށް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.